ޖުމްލަ 6.8 ކިލޯގެ ކެނެބިސްއާ އެކު އަތުލައިގެން ދެ މީހުން: އެ ދެ މީހުން ވެސް ކޯޓުން ވަނީ ދޫކޮށްލާފައި. (ފޮޓޯ/ ޕޮލިސް)
6 ކިލޯގެ ޑްރަގް މައްސަލަ: ހައި ކޯޓުގައި ރައުޔު ތަފާތުވިޔަސް އަފްޒަލް ދޫކޮށްލީ ރަނގަޅަށް ކަމަށް ނިންމައިފި
ހުޅުމާލޭގައި ހުންނަ ގުދަނެއްގެ ތެރެއިން 2020ގައި ގިނަ އަދަދެއްގެ ކެނަބިސް ފެނުނު މައްސަލައިގައި ދައުވާކުރި އެ ކުންފުނީގެ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 14 ޖޫން 2020ގައި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި 6.8 ކިލޯގެ ކެނަބިސް ފެނިގެން ހައްޔަރުކުރީ:
-
މުހައްމަދު ޝަރީފް (ގދ. ވާދޫ/އަސްރަފީގެ)
-
އަފްޒަލް ރަޝީދު (ގއ. ކޮލަމާފުށި/ކަރަންކާވިލާ)
އަފްޒަލް ހައްޔަރުކޮށް، އެކި ފަހަރު މަތިން ބަންދު އިތުރުކުރަމުން ގޮސް ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރި އެވެ. ފަހުން އެ އަމުރު މުރާޖައާކޮށް، އޭނާ ދޫކޮށްލަން ނިންމުމުން، ދައުލަތުން އެ ނިންމުން ހައި ކޯޓުުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ނިންމީ އޭނާ އަލުން ބަންދު ކުރާށެވެ.
އޭނާ ބަންދު ކުރި ސަބަބުތައް:
-
ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހުތިމާލު އޮތުން
-
މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުން
އެކަމަކު، މިދިޔަ މަހުގެ 9ގައި އޭނާގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ އޭނާ ބަންދުކުރި ހާލަތަށް މިހާރު ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްލަން ކޯޓުން ނިންމި އެވެ. އެ ނިންމުމާ އެކު ދައުލަތުން އަނެއްކާ ވެސް ހައި ކޯޓަށް ދާން ޖެހުނެވެ.
އޭނާ ދޫކޮށްލަން ނިންމި ސަބަބުތައް:
-
ދައުލަތުގެ ދެ ހެކިވެރިން ކަމަށްވާ ބަންގްލަދޭޝްގެ ދެ މީހަކު މިހާރު ރާއްޖޭގައި ނެތުމުން އަފްޒަލްއަށް އެ ދެ މީހުންނަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ބަލެވޭތީ
-
އެ ދެ މީހުން ރާއްޖެ އަންނާނެ ތާރީހެއް ވެސް ނޭނގޭތީ
-
އޭނާ މަސައްކަތް ކުރާ ތަނުން ޑްރަގް ފެނުމަކީ އެކަމުގެ މައްޗަށް އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމުގައި ބެލެވޭނެ ސަބަބަކަށް ނުވާތީ
-
އޭނާ އަކީ މި މައްސަލަ ފިޔަވައި ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވާތީ
-
އޭނާ އަކީ ވަޒީފާއެއް އަދާކުރާ މީހަކަށް ވާތީ
ދައުލަތުން ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ސަބަބުތައް ރަނގަޅު ކަމަށެވެ. އޭނާ ބަންދުކުރި ސަބަބުތަކަށް ބަދަލު އައިސްފައިވާ ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުން، ކުރިން އަފްޒަލް ބަންދުކުރަން ހައި ކޯޓުން ނިންމި ނިންމުމާ ހިލާފު ނޫން ކަމަށް ވެސް ފަނޑިޔާރު އަލީ ސަމީރާއި ޝުއައިބު ހުސެއިން ޒަކަރިއްޔާގެ އަގުލަބިއްޔަތުން ނިންމެވި ނިންމުމުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒުގެ ރައުޔު: ރާއްޖޭގައި ނެތަސް ނުފޫޒު ފޯރުވޭނެ
މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު މިކަމުގައި ތަފާތުވި އެވެ. އޭނާއަށް ފެނިވަޑައިގަތީ ދެ ހެކިވެރިން ރާއްޖޭގައި ނެތުމަކީ އެ މީހުންނަށް ނުފޫޒު ނުފޯރުވޭނެ ސަބަބެއް ނޫން ކަމަށެވެ.
"ޓެކްނޯލޮޖީގެ މި ޒަމާނުގައި މީހަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ މީހަކާ މޫނާއި މޫނު ޖެހޭހެން ބައްދަލު ކުރާން ޖެހޭނެ ކަމަށް ނުދެކެމެވެ،" ނިޔާޒު ލިޔުއްވި އެވެ.
ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައި ހުރި ހުރުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި ދެ ހެކިން ރާއްޖެއިން ބޭރަށް ފޮނުވާލުމަކީ ވެސް ހެކިންނަށް ފޯރުވި ނުފޫޒެކެވެ. ހެކިބަސް ދޭން ތިބި އެ ބިދޭސީ ދެ މީހުން ރާއްޖެ ދޫކޮށް ދިޔައީ ނޫން ކަމާއި ރާއްޖެއިން "ފޮނުވާލީ" ކަމަށް ބުރަވެވޭނެ ސަބަބުތަކެއް އެބަ ހުރި ކަމަށް ވެސް އޭނާ ލިޔުއްވި އެވެ.
ދައުލަތުން ވަނީ މި މައްސަލައިގައި އެންސިސްއިން ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު އެންސިސްއިން ވަނީ ދޮގުކޮށްފަ އެވެ.