އެންސިސްގެ ބިމަކުން 6.8 ކިލޯގެ ކެނެބިސް އާއެކު އަތުލައިގެން ދެ މީހުން: އެ ދެމީހުން ވެސް ކޯޓުން ވަނީ ދޫކޮށްލާފައި (ފޮޓޯ/ ޕޮލިސް)
ޑްރަގް މައްސަލާގައި ހެއްކަށް ނުފޫޒެއް ނުފޯރުވަން: އެންސިސް
ހުޅުމާލޭގައި އޮތް އެންސިސްގެ ބިމަކުން 6.8 ކިލޯގެ ކެނެބިސް އަތުލައިގަނެ ދެ މީހަކަށް މިހާރު ކުރަމުން ޝަރީއަތުގައި ހިމެނޭ ހެކިންނަށް އެ ކުންފުނިން ނުފޫޒު ފޯރުވާކަމަށް ދައުލަތުން ބުނުމުން އެކަން އެންސިސް އިން މިއަދު ދޮގުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 14 ޖޫން 2020 ގައި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ:
-
ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް
-
ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޒަލް ރަޝީދު
އެ މައްސަލައިގައި އެމީހުންގެ މައްޗަށް އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ މައްސަލާގައި ހިމެނޭ ހެކިންނަށް އެންސިސްއިން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެފަ އެވެ. ދައުވާ ލިބޭ އަފްސަލް ރަޝީދަކީ އެންސިސިްގައި މަސައްކަތް ކުރި މީހަކަށް ވާއިރު، އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ދައުލަތުން ހުށަހެޅީ އޭނާގެ ދަށުގައި އޭރު އުޅުނު ބަންގްލަދޭޝްގެ ދެ މުވައްޒަފެކެވެ.
ނަމަވެސް އެ ދެ މީހުން ވެސް މިހާރު ރާއްޖޭން ފުރުވާލާފައިވާކަމަށް ދައުލަތުން ބުންޏެވެ. އަދި ޝަރީއަތުގައި ވަކީލު ދެއްކެވި ވާހަކަ 'މިހާރު' ނޫހުން ވަނީ ތަފްސީލުކޮށް ރިޕޯޓުކޮށްފަ އެވެ. ދައުލަތުން ބުނި ގޮތުގައި އެ މައްސަލާގައި ހިމެނޭ ޝަރީފަކީ މީގެ ކުރިން ވެސް އެންސިސް ގުދަނެއްގެ ތެރޭގައި މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގެ ދައުވާ ލިބުނު މީހެކެވެ. އެ ފަހަރު ވެސް އޭނާގެ މައްޗަށް ދައުވާ ސާބިތުނުވީ ހެކީގެ ގޮތުގައި ހުށައެޅި ބަންގްދޭޝް މީހާ ފުރުވާލުމުންނެވެ.
މި ފަހަރު ހެކިންގެ ގޮތުގައި ހުށައެޅި ބަންގްލަދޭޝްގެ ދެ މީހުންގެ ތެރެއިން އެކަކު ފުރީ މިދިއަ އަހަރުގެ14 ސެޕްޓެމްބަރުގައި ކަމަށާއި ދެވަނަ މީހާ ފުރާފައި ވަނީ އެ މަހުގެ27 ގައި ކަަމށް، ޝަރީއަތަށް އިމިގްރޭޝަނުން ހުށައެޅި ސިޓީގައި ބުނެ އެވެ. މި މީހާ 21 ޑިސެމްބަރުގައި އެނބުރި އައި އިރު އޭނާގެ ވޯކް ޕާމިޓް އޮތީ ކެންސަލްކޮށްފަ އެވެ.
އެންސިސްގެ ބަސް - އެންސިސް އިން ނެރުނު ބަޔާނުގައި ބުނީ ބިދޭސީން ފުރުވާލި ކަމަށް ދައުލަތުން ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހެކިންގެ ތެރެއިން އެއް މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އޭނާ އަމިއްލައަށް އެދުމުންނެވެ. ދެވަނަ މުވައްޒަފު އަހަރީ ޗުއްޓީއަށް ސެޕްޓެމްބަރުގައި ގައުމަށް ދިއުމަށް ފަހު، އެނބުރި ރާއްޖެ އަންނަން އޮތް ދުވަހަށް ނައުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރީ ޑިސެމްބަރުގައި ކަމަށް ބުންޏެވެ.
"މި ދެ މުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެއްވެސް ރަސްމީ އިދާރާއަކުން މި ކުންފުންޏަށް އަންގާފައެއް ނުވެ އެވެ،" އެންސިސްގެ ބަޔާނުގައި ބުންޏެވެ.
އެންސިސް އިން ބުނީ މި މައްސަލާގައި ފުލުހުން އެދުނު ހުރިހާ ކަމެއްގައި ވެސް އެ ކުންފުނިން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
"މި މައްސަލައިގައި ހެކިބަސްދޭން ހެކިވެރިންގެ ގޮތުގައި ހާޒިރުވުމަށް އަންގާފައިވާ އެއްވެސް މުވައްޒަފެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ އެވެ،" އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަންނެލި އެކްސްޕޯޓްކުރާ އެންސިސް އިން ބުނީ އެ މައްސަލާގައި ދައުވާކުރަނީ އެ ތަނުގައި އުޅުނު މުވައްޒަފެއްގެ މައްޗަށް ކަމަށް ވިޔަސް އެއީ އެ ކުންފުންޏާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އިއްޔެގެ ހަބަރު ގެނެސްދީފައި އޮތީ ކުންފުނީގެ އަގުވެއްޓި އަދި ކުންފުނީގެ 700 އަށް ވުރެ ގިނަ މުވައްޒަފުންގެ ކަރާމާތަށް ގެއްލުންވާނޭ ފަދަ ގޮތަކަށް ކަމަށް ވެސް، އެންސިސް އިން ބުންޏެވެ.
އެންސިސް އިން ބުނީ ގާނޫނާ ހިލާފު އެއްވެސް ކަމެއްގައި އެ ކުންފުނިން ބައިވެރިނުވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.
އެނގުން މުހިންމު - އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ކޯޓުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެގޮތުން 22 ނޮވެމްބަރުގައި ޝަރީފް ދޫކޮށްލީ ޝަރުތުތަކަކާ އެކު ބޭސްފަރުވާއަށެވެ. ކޯޓުގައި އޭނާ ބުނީ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖޭން ބޭރަށް ފުރަން ޖެހޭ ކަމަށެވެ.
އަފްސަލް ދޫކޮށްލީ އިއްޔެ އެވެ. ކޯޓުން އޭނާ ދޫކޮށްލީ ދައުލަތުން އޭނާގެ ބޭސްފަރުވާއަށް އިހުމާލުވާ ކަމަށް ނިންމުމަށް ފަހު އެވެ.