މާވާރުލު އެއާޕޯޓް: ފަހުން އެއާޕޯޓްގެ މަސައްކަތް ކުރީ އެމްޓީސީސީ އިން-- (ފޮޓޯ/ އެމްޓީސީސީ)

ސުޕްރީމް ކޯޓު

މާވާރުލު އެއާޕޯޓްގެ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

2011ގައި ވި އެއްބަސްވުމާ އެއްގޮތަށް އެއާޕޯޓްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާފައިނުވާތީ އެއްބަސްވުން ބާތިލުކުރީ 2016 ވަނަ އަހަރު
20 ސެޕްޓެމްބަރު 2021

ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގަން މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓް އަދި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރާ މޫވިން އިންޓަނޭޝަނަލް އާ ދެމެދު އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރީ 27 ޖޫން 2011 ގަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެއާޕޯޓްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާފައި ނުވާތީ ފެބުރުއަރީ 2016ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ތަފްސީލް -

  • މޫވިން އާ މާވާރުލު ހަވާލުކުރީ 23 ސެޕްޓެމްބަރު 2011ގައި

  • މަސައްކަތް ނިންމަން އެއްބަސްވި 30 މަސް ހަމަވީ މާޗު 2014ގައި

  • އެއްބަސްވުން އުވާލީ އޭގެ ދެ އަހަރު ފަހުން

  • އެއްބަސްވުން ބާތިލުކުރި އިރު ވެސް އެއާޕޯޓްގެ މަސައްކަތް ނުނިމޭ

މައްސަލަ ކޯޓަށް - އެއްބަސްވުން ބާތިލުކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެދި މޫވިން އިންޓަނޭޝަނަލް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން އެ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން މޫވިން އިންޓަނޭޝަނަލް އިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން - އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، މޫވިން އިންޓަނޭޝަނަލް އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ ހައި ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭ ނުވަތަ ބަދަލުކުރަން ޖެހޭ ސަބަބެއް ކުރިމަތިކުރުވާ ނުކުތާތަކެެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ބެންޗުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ހައި ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަލާނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

އެނގުން މުހިންމު - މާވަރުލު އެއާޕޯޓުގެ މުޅި މަސައްކަތް ނިންމާލީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ގަ އެވެ. އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. އެ އެއާޕޯޓް ހުޅުވައި ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް