ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު ވަހީދު. (ފޮޓޯ/މަޖިލިސް)
ޗެއާޕާސަން އިންތިހާބުގެ ފޯރިގަދަވެ 2 ފެކްޝަނުން މަޖިލީހުގައި 'ތަޅައިގެންފި'
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެންބަރުން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމާ އެކު މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއީދު ނުކުރާ ފަރާތްތައް މަގާމުން ވަކި ކުރަމުންދާ ކަމަށް، ވާދަވެރި ކެންޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ވަނީ ތުހުމަތުކޮށްފަ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުއްވީ ވެސް އިމްތިޔާޒުގެ ކެމްޕެއިންގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ 23 މެންބަރުންގެ ވޯޓުންނެވެ. އެއާ ދެކޮޅަށް އެމްޑީޕީގެ ތިން މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ:
-
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
-
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
-
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ
ތަފްސީލު - ކުއްލި މައްސަލައިގައި ބުނީ:
-
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް ބޭނުންކުރަން ވާނީ ވަކި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް
-
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުުރުމާއި ވަކިކުރުމުގެ ބާރު ބޭނުންކުރަން ވާނީ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ އުސޫލުތަކުގެ ތެރެއިން ކަމަށް
"މިފަދަ މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން ވަކި ބަޔަކު އިންތިހާބުތަކާ ދިމާކޮށް، އަދި ވަކިން ހާއްސަކޮށް ވެރިކަން ހިންގާ ޕާޓީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކިކުރުމަށް ނިންމައި ވަކިކުރުމަކީ ރައްޔިތުންގެ މެދުގައި އެތަކެއް ސުވާލުތަކެއް އުފެދޭނެ ކަމެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާތަކުން މީހުން ވަކިކުރުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"އެކަން އެ މަގުން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އިތުބާރު ގެއްލި، ރައްޔިތުންގެ ނަފްރަތު އުފެދި، ބައިބައިވުން އުފެދިދާނެ ކަމެއް،" ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީ މީހުންނަށް ބޭއިންސާފުވާން ހެދީމާ އަޅުގަނޑުމެން މިތަނުގައި ވަކާލާތުކުރާނަން. މަރަދޫ ދާއިރާގެ މެންބަރު، އިއްޒަތްތެރި މެންބަރު އަޅުގަނޑުމެންނާ ދިމާލަށް އިދިކޮޅޭ ކިޔާއިރު... ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެ ހިނގި އަނިޔާވެރިކަމުގެ ތެރޭގައި މަޖިލީހުގައި އިމްތިޔާޒުމެން ނުކުމެވަޑައިގެން އެ ކުރި ހިތްވަރު ނުކުރި ނަމަ، މިއަދު ކޮން ސަރުކާރެއްތޯ، އިއްޒަތްތެރި ރައީސް، އޮންނާނީ؟
ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފަހު ވަހީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، ރ. ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އާމިރު އަހްމަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބާ ދިމާކޮށް އެ ގޮތަށް ވަޒީފާތަކުން މީހުން ވަކިކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޮޑު ހުވައެއް ކޮށްގެން އެ ހުންނެވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން... އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، އެތެރޭގެ އިންތިހާބާ ދިމާކޮށް އަދި އަރިހުގައި ތިއްބަވާ ބޭފުޅުން އެ ގޮތް ގޮތަށް ބޮލަށް ފިއްތަވަން އުޅެގެން އެ ހިންގަވާ ކަންކަމަށް ޖާގަ ނުދެއްވުމަށް،" ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުންތަކެއް އުޅެނީ ސަރުކާރު ވައްޓާލަން: ޝަރީފް
އެ ކުއްލި މައްސަލައާ ދެކޮޅު ހެއްދެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ރައީސްގެ 'އަތާއި ފައި ބުރިކޮށްލަން' އެފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެކަން އޭނާ ސިފަކުރެއްވީ 'ނޭއްގާނީ، މުޑުދާރު' އަމަލެއްގެ ގޮތުގަ އެވެ.
"އަޅުގަނޑު ޕާޓީ މީހަކަށް ވިޔަސް، ދަރިއަކަށް ވިޔަސް، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރާ ނަމަ އެ މީހަކު ވަޒީފާއިން ދުރުކުރަން ޖެހޭނެ،" ވަޒީފާގެ ބިރު ދައްކާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
އެގޮތަށް މަސްއޫލިއްތު އަދާ ނުކުރާ މީހުން އެތެރޭގެ އަދި ބޭރުގެ އިންތިހާބެއް އޮތަސް މަގާމުން ދުރުކުރުމަކީ ރައީސް ކުރައްވަން ޖެހޭނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީން ލިބިދޭ ބާރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި މަޖިލީހުގައި ވެރިކަން ކުރާ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމަކީ، ކަންބޮޑުވާ ކަމެއް. ބިރުވެރިކަމެއް. ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް، ޖަރީމާއެއް،" މޭޒުމަތީގައި ބާރަށް އަތްތިލަ ޖައްސަވަމުން އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެއިން އިވެނީ ވަޒީފާގެ ބިރު ދައްކާކަމުގެ އަޑުތައް: އީވާ
ޝަރީފް އެ ގޮތަށް ވިދާޅުވުމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އީވާއަށް ވާހަކަދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ޝަރީފަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
"އެމްޑީޕީ މީހުންނަށް ބޭއިންސާފުވާން ހެދީމާ އަޅުގަނޑުމެން މި ތަނުގައި ވަކާލާތު ކުރާނަން. މަރަދޫ ދާއިރާގެ މެންބަރު، އިއްޒަތްތެރި މެންބަރު އަޅުގަނޑުމެންނާ ދިމާލަށް އިދިކޮޅޭ ކިޔާއިރު... ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ހިނގި އަނިޔާވެރިކަމުގެ ތެރޭގައި މަޖިލީހުގައި އިމްތިޔާޒުމެން ނުކުމެވަޑައިގެން އެ ކުރި ހިތްވަރު ނުކުރި ނަމަ، މިއަދު ކޮން ސަރުކާރެއްތޯ، އިއްޒަތްތެރި ރައީސް، އޮންނާނީ،" އީވާ އަޑަށް ބާރުލައްވާފައި ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ވުރެ، އިމްތިޔާޒަށް ވުރެ، ހަސަން ލަތީފަށް ވުރެ، އުނގޫފާރު މުހައްމަދު ވަހީދަށް ވުރެ އިހްލާސްތެރި މީހުން މި ސަރުކާރަކަށް ނުލިބޭނެ."
އީވާ ވިދާޅުވީ މިއަދު ކޮންމެ ރަށަކުން ގުޅާލިޔަސް އިވޭ ވާހަކައަކީ މި އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކާ ވާހަކަ ކަމަށެވެ. އެގޮތަށް ކަންތައްތައްކޮށްގެން 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މި މަޖިލީހުގައި ވެރިކަން ކުރާ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާ ކުރުމަކީ ކަންބޮޑުވާ ކަމެއް، ބިރުވެރިކަމެއް، ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް، ޖަރީމާއެއް.
ފައްޔާޒަށް ތާއީދުކުރައްވާ މެންބަރުންނަށް ފުރައްސާރަކުރާކަމުގެ ތުހުމަތު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ އޭނާ ފައްޔާޒުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވީތީވެ އޭނާއަށް އެމްޑީޕީގެ ތެރެއިން މަލާމާތާއި ފުރައްސާރައިން ސަމާލަތް ނުވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ އަމިއްލަށް "އަސްލު އެމްޑީޕީ ކަމަށް ދައްކާ މެންބަރުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއީ ވަގުން ކަމާއި ހިޔާނާތްތެރި މީހުން ކަމަށް ބުނާ އިރު، މި ތަނުގައި މީހެއްގެ މޫނު ބަލާލިޔަސް އެއީ ކޮރަޕްޓް މީހުން ނޫންކަން ވިދާޅުވި ބޭފުޅުން އެބަތިއްބެވި. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މޫނުފުޅު ބައްލަވާފައި ކޮރަޕްޓްވާނެކަން [ނުވަތަ] ނުވާނެކަން،" ޝާހިދު ވިދާޅުވި އެވެ.
"އެހާ ބޭއިންސާފު މީހުން އިންސާފޭ މި ވިދާޅުވަނީ."