ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު

ހައި ކޯޓުގެ ނިންމުން ސަސްޕެންޑުކޮށް މީހަކު ބަންދުން ދޫކުރި މެޖިސްޓްރޭޓުގެ މައްސަލަ ބަލަނީ

98 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ މީހާ ދޫކޮށްލީ 90 ދުވަހަށް ބޭސްފަރުވާއަށް

ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ނިންމުން "ސަސްޕެންޑުކޮށް" އެ މީހާ ދޫކޮށްލަން އަމުރުކުރި އައްޑޫ ހިތަދޫ  މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއްޔެ ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ސ. ހިތަދޫ/މަންދޫބުގެ، ރުޝާން އަހުމަދު ދީދީގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް އެތެރެކުރުމަށް އެހީތެރިވުމުގެ ދައުވާ ކުރީ، އޮކްޓޯބަރު 2020ގައި އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 98 ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައާ ގުޅިގެންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަންކަމަކީ:

  • ރުޝާން ހައްޔަރުކުރި ފަހުން، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ގެންދިޔައީ އޭނާގެ ބަންދު އިތުރު ކުރަމުން 

  • ނަމަވެސް ފަހުން ހެކި ނެތް ކަމަށް ބުނެ އެ ކޯޓުން އޭނާ ބަންދުން ދޫކޮށްލި 

  • އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 20 އޮކްޓޯބަރު 2020ގައި ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

  • އޭގެ ފަހުން 20 ފެބުރުއަރީ 2021 ގައި މެޖިސްޓްރޭޓް ރަފީއުއްދީން ވަނީ ބޭސްފަރުވާއަށް ރުޝާން 90 ދުވަހަށް ދޫކޮށްލަން އަމުރުކޮށްފައި

  • މިއީ ރާއްޖޭގައި މަތީ ކޯޓެއްގެ އަމުރެއް ދަށު ކޯޓަކުން ސަސްޕެންޑްކުރި ފުރަތަމަ ފަހަރު

އެނގުން މުހިންމު - މެޖިސްޓްރޭޓު ރަފީއުއްދީންގެ ނިންމެވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައި ކޯޓުގެ ހުކުމެއް ދެމި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.

އެގޮތަށް ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިތުރުން، ގާޒީގެ ޝަކުވާ ޖޭއެސްސީގައި ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ތަފްސީލް - އެ މައްސަލައިގައި ޝަމީމް ކަންބޮޑުވުން ފާޅުކުރެއްވުމުން، ހިތަދޫ ކޯޓުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ:

  • ޝަމީމްގެ ޓުވީޓަކީ ޕީޖީގެ ހައިސިއްޔަތުން ކުރުން އެކަށީގެންވާ ކަމެއް ކަމުގައި ނުދެކޭ ކަމަށް

  • އެއީ ފަނޑިޔާރުންނަށް ބިރުދައްކަން ދެވޭ ހިތްވަރެއް ކަމަށް

  • އެކަމުގެ ސަބަބުން ފަނޑިޔާރުންގެ އަގު ވެއްޓި، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމަށް

ބުނީ ކީކޭ؟ - އެ މައްސަލައިގައި ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަފީއުއްދީން މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ތަހުގީގު ކޮމިޝަން އެކުލަވާލަން ޖޭއެސްސީގެ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ' އިން އިއްޔެ ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ފަސް މަންޒަރު - މީގެ ކުރިން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ރުޝާން ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު، އޭގެ ކުރިން ހަމަ އެ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހަމުން ދިޔައީ އޭނާގެ މައްޗަށް ހެކި ހުރި ކަމަށް ބަލައިގެންނެވެ. އެކަމަކު އޭނާ ދޫކޮށްލި އަމުރު އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވެސް އެކަން ފާހަގަ ކުރި އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެ ކޯޓުން ނިންމީ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެ ކުރަން އުޅުނު މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެއީ ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ޕާކިސްތާނުގެ ޑްރަގް ނެޓްވޯކަކާ ގުޅިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް