ހައި ކޯޓު: އެ ކޯޓުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އޮތް ހަގީގީ ފަރުވާއަކީ ޝަރީއަތް އަވަސްކުރުން ކަމަށް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ހައި ކޯޓުގެ އަމުރު ސަސްޕެންޑުކޮށް ހިތަދޫ ކޯޓުން ދޫކޮށްލި މީހާ ހައި ކޯޓުން އަލުން ބަންދުކޮށްފި
ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ކުރި އަމުރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސަސްޕެންޑުކޮށް އެ ކޯޓުން ކުރި އަމުރު ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސ. ހިތަދޫ/މަންދޫބުގެ، ރުޝާން އަހުމަދު ދީދީގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް އެތެރެކުރުމަށް އެހީތެރިވުމުގެ ދައުވާ ކުރީ، އޮކްޓޯބަރު 2020ގައި އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 98 ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައާ ގުޅިގެންނެވެ. އެގޮތުން:
-
މި މައްސަލައިގައި އަތުލައިގަތް ޑްރަގަކީ އެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ރާއްޖެއަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނޭ
-
ރުޝާން ހައްޔަރުކުރި ފަހުން، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ގެންދިޔައީ އޭނާގެ ބަންދު އިތުރު ކުރަމުން
-
ނަމަވެސް ފަހުން އެ ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލާފައި
-
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 20 އޮކްޓޯބަރު 2020ގައި ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
-
އޭގެ ފަހުން 20 ފެބުރުއަރީ 2022 ގައި މެޖިސްޓްރޭޓް ރަފީއުއްދީން ވަނީ ބޭސްފަރުވާއަށް ރުޝާން 90 ދުވަހަށް ދޫކޮށްލަން އަމުރުކޮށްފައި
-
މިއީ ރާއްޖޭގައި މަތީ ކޯޓެއްގެ އަމުރެއް ދަށު ކޯޓަކުން ސަސްޕެންޑްކުރި ފުރަތަމަ ފަހަރު
މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ބަންދުން ދޫކޮށްލީ ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ހާލަތް އެ ނޫން ހާލަތަކަށް ބަދަލުވެގެން އެކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ނޫން ކަމަށެވެ.
ތަފްސީލް - ހައި ކޯޓުން ބުނީ ބަންދުގެ މުރާޖައާ އަޑުއެހުންތަކުގައި ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ވަރަށް ހާއްސަ އަދި އިސްތިސްނާ ހާލަތްތަކެއްގައި ބަންދަށް ލުޔެއް ދެވިދާނެ ކަމަށެވެ.
ނަމަވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ދޫކޮށްލަން ބަޔާންކުރި ސަބަބުތަކުގެ ތެރޭގައި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ކަމެއް ހުރެގެން ވަގުތުން ދޫކޮށްލަން ޖެހޭ ފަދަ ކަމެއް ސިއްހީ އެއްވެސް ފަރާތަކުން ފާހަގަކޮށް އެފަދަ ލިޔުމެއް ރުޝާންއަށް ދީފައިވާކަން އެނގެން ނެތްކަން ހައި ކޯޓުން ފާހަގަކުރި އެވެ. އެގޮތުން:
-
ރުޝާންއަށް އެންމެ ފަހުން ފަރުވާ ދިނީ 8 ނޮވެމްބަރު 2021 ގައި، އޭނާ ބަންދުގައި ހުރި މުއްދަތުގައި
-
އޭގެ ކުރިން ފަރުވާ ދީފައި ނުވުމަކީ މިހާރު އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއްތޯ ހައިކޯޓުން ސުވާލު އުފެއްދި
-
ބަންދުގައި ހުންނަ މިފަދަ މީހެއްގެ ސިއްހީ ހާތުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވޭނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ހުރެގެން ހަމައެކަނި ޒަރޫރަތް ހުއްދަކުރާ މިންވަރެއްގެ މައްޗަށްކަން
'ހަގީގީ ފަރުވާ އަކީ ޝަރީއަތް އަވަސް ކުރުން'
ހައި ކޯޓުގެ ހުކުމްގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖައާކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ އެ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުމަށް ކަމަށެވެ.
އެހެންކަމުން، އެފަދަ މައްސަލަތަކުގައި 30 ދުވަހުން 30 ދުވަހުން ބަންދު އަމުރު މުރާޖައާ ކުރުމަށް ފަހު، ބަންދުގައި ހުންނަ މީހަކާ މެދު ގޮތެއް ނިންމަމުން ދިއުން އެއީ އެންމެ އިސްކަމެއްގެ ގޮތުގައި ނުބަލައި އެފަދަ މައްސަލަތަކުގައި އިސްކަން ދޭން ޖެހޭނީ މައްސަލަ ބަލައި އަވަސް ކުރުމުގައި ކޯޓަށް އެޅިދާނެ ފިޔަވަޅުތައް ބެލުމަށް ކަމަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަލި ހާލަތާއި އެ ހާލަތުގެ ނާޒުކުކަން ހުރި މިންވަރެއް އެނގޭނެ ކަމަށް ހައި ކޯޓުން ބުންޏެވެ.
"އެހެންކަމުން، އެ ކަންކަމުގެ މައްޗަށް ބަލައި ރިއާޔަތްކޮށް، އެފަދަ މައްސަލަތަކުގެ މައުލޫއާ މެދު އަވަހަށް ގޮތެއް ނިމިގެން ދިއުން އެއީ އެފަދަ މީހަކަށް ލިބިދެވޭނެ އެންމެ މުހިއްމު ފަރުވާކަމުގައި ދެކެމެވެ،" ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ވިދާޅުވި އެވެ.
އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރެއްވި އެވެ. އެހެންކަމުން ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން ރުޝާން ބަންދުކުރަން ހައި ކޯޓުން ކުރިން ކުރި ހުކުމް ދެމި އޮތް ކަމަށް ކަނޑައެޅި އެވެ.
ގުޅުންހުރި ކަމެއް - ހައި ކޯޓުގެ ނިންމުން ސަސްޕެންޑުކޮށް ރުޝާން ދޫކޮށްލަން އަމުރުކުރި އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމައިފަ އެވެ.