ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާމެދު ހޭލުންތެރި ކުރުމަށް ހަދާފައިވާ ޕޯސްޓަރެއް
ކުޑަކުއްޖަކާ ބެހިގެން ދަށު ކޯޓުން ސަލާމަތްވި މީހަކަށް ހައި ކޯޓުން 15 އަހަރުގެ ހުކުމެއް ކޮށްފި
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި އެ މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމް، ހައި ކޯޓުން ބާތިލްކޮށް، އެ މީހާ 15 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ، އޭނާގެ ޅިއަނު ގަދަކަމުން ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނެ، ހުށަހެޅި މައްސަލައެއްގައި އެ މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން 2019ގައި ނިންމާފައިވަނީ، ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
އެކަމަކު އެ މައްސަލަ ފަހުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އިތުރަށް ބަލައި ހައި ކޯޓުން ނިންމީ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ބައެއް ކަންތައްތަކަށް ބަލާއިރު:
-
2018ގެ މެއި މަހު ހިނގި ކަމެއް، ޖެނުއަރީ 2019ގައި ޝަރީއަތަށް ހުށަހެޅުމާ ހަމައަށް މައްސަލައަކަށް ނުވެ އޮތުން
-
އެއީ ބޮޑު ކުށަކަށް ވާއިރު ވެސް، އެކަކު ކައިރީގައި ވެސް އެ ވާހަކަ ނުބުނާށޭ ބުނުން ފަދަ ނުފޫޒެއް ފިރިހެން މީހާ ހިންގާފައި ނެތުން
-
ކުޑަކުއްޖާ ތަހުގީގަށް ދީފައިވާ ވީޑިއޯ އިންޓަވިއުތަކަށް ބަލާއިރު، އެ ފަދަ ކަމެއް ހިނގާފައިވާ ކަމުގެ އަސަރު މޫނު މަތިން ފެންނަން ނެތުން؛ މިއިީ އެ އުމުރުގެ ކުއްޖަކަށް ހަދައިގެން ދެއްކި ދާނެ ފަދަ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވުން
-
މައްސަލަ ޝަރީއަތަށް ހުށަހެޅީ ފިރިހެން މީހާއާ މެދު ދެކޮޅުވެރިކަމެއް އޮތުމުން ބަދަލުހިފުމުގެ ނިޔަތުގައި ކަމަށް ގަބޫލު ކުރެވުން
މި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ނިންމީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވަނިކޮށް، އެއަށް ރިއާޔަތް ނުކޮށް ހުކުމް ކޮށްފައިވާ ކަމަށް ބުނެ އެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި:
-
ކުޑަކުއްޖާއާ ބެހުނު ކަމަށް ބުނެ މައްސަލަ ހުށަހެޅީ، ނުބައި ނިޔަތެއް އޮވެގެން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ބުނި އިރު، އެކަން ސާބިތުކުރުމަށް އެ ފަރާތުން ހެކި ހުށަހަޅާފައިނުވުން
-
ޖިންސީ އަމަލު ހިންގިކަމަށް ބެލުމުގައި ބޭރު ފުށުން އަނިޔާއެއް ލިބިފައިވުން ލާޒިމެއް ނޫން؛ ޖިންސީ އެދުމެއް ފުއްދުމުގެ ނިޔަތުގައި ކުޑަކުއްޖެއްގެ ގައިގާ އަތްލުން ނޫނީ ބީހުމަކީ ވެސް އެ އަމަލު ހިންގި ކަމަށް ބެލެވޭނެ
މި މައްސަލައިގައި ހައި ކޯޓުން ހުކުމް ކުރީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 15 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށެވެ.