13 އަހަރުގެ ކުއްޖަކު މަރާލުމަށް ފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ސަރަހައްދު ބަންދުކޮށްފައި. (ދައުރު ފޮޓޯ)
13 އަހަރުގެ ކުއްޖާގެ މަރު: ދައުވާ ލިބޭ ކުއްޖާ އަލުން ބަންދެއް ނުކުރި
ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މާލޭގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ޖޫން 21ގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ މޫދުންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ 17 އަހަރުގެ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.
ކުޑަކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
-
ގަސްދުގައި މީހަކު މެރުމުގެ ދައުވާ
-
ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
-
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ
އެ ކުއްޖާގެ ޝަރީއަތް ކުރިއަށްދަނިކޮށް ގެއަށް ބަދަލުކުރީ އެ ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަކީ ކުޑަކުދިން ބަންދުކުރާ މަޒަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމުމުންނެވެ.
-
އިތުރަށް ކިޔާލަން - 13 އަހަރުގެ ކުއްޖާގެ މަރު: ތުހުމަތުވާ ކުއްޖާ ގޭބަންދަށް ބަދަލުކޮށްފި
ވީ ކިހިނެއް؟ - އެ ފަހުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމްކޮށްފައިވުމުން އެ ތަނަށް އެ ކުއްޖާ ބަދަލުކުރަން ދައުލަތުން އެދުމުން ވެސް ޖުވެނައިލް ކޯޓުން ނިންމާފައި ވަނީ އެ ކުއްޖާ ގެއަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ދައުލަތުން ހައި ކޯޓުގައި ބުނީ:
-
ކުއްޖާ ފުރަތަމަ ބަންދުކުރީ، މުޖުތަމައުގެ ސަލާމަތަށްޓަކާ އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމުން
-
ދައުލަތުން ހުށަހެޅި ގިނަ ހެކިންނަކީ ކުއްޖާ ދަންނަ ރައްޓެހިން ކަމަށް ވާއިރު، އެ ކުއްޖާ ގޭގައި ބަންދުކުރުމުން އެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ފުޅާވެގެން ގޮސްފައިވޭ
-
ޖުވެނައިލް ކޯޓުން ކުއްޖާ ގެއަށް ބަދަލުކުރިޔަސް، އޭރު ވެސް އެ ހާލަތްތަކަށް ބަދަލެއް ނާދޭ
-
އެ ކުއްޖާ ގެއަށް ބަދަލުކުރި ޝަރުތުތަކާ ހިލާފުވެފައި ނުވުމަކީ އެ ހާލަތުތައް ބަދަލުވާ ސަބަބެއް ނޫން
-
އެ ކުއްޖާއަށް ތުހުމަތުކުރެވޭ މައްސަލައަކީ ޖިނާއީ ބޮޑު ކުށެއް
ކުއްޖާގެ ފަރާތުން ފާހަގަކުރި ބައެއް ކަންކަން:
-
ކުޑަކުއްޖަކު ހައްޔަރު ނޫނީ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮވޭ
-
ގޭގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެއްވެސް ހެއްކަކަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރޭ
-
ދައުލަތުން އެދިގެން ހެކި ސިއްރުކޮށްފައިވުމުން ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނައްތާލެވިފައިވޭ
-
މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ވެސް ބަންދުގެ މުއްދަތުގައި ނުކުރޭ
-
ކުޑަކުއްޖަކު ބަންދު ކުރިޔަސް، ތައުލީމު ލިބެން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ އިރު، އެ ކުއްޖާއަކީ މިހާރު ކޯހެއްގައި ބައިވެރިވެގެން އުޅޭ ކުއްޖެއް
ހައި ކޯޓުން އެ މައްސަލަ ބަލައި މިއަދު ނިންމި ނިންމުމުގައި ފާހަގަކުރި ގޮތުގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް 20 ނޮވެމްބަރު 2020ގައި އަމަލު ކުރަން ފަށާފައި ވާއިރު، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރަކާއި ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެއް ގާއިމްކުރަން ލާޒިމުކޮށްފައިވެ އެވެ. އޭގެ ތެރެއިން:
-
ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ދިގު މުއްދަތަކަށް ކޯޓުން ބަންދު ކުރާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބާ ތަން
-
ނުރައްކާތެރި ކުށް ކުރާ ކުދިން ބައިތިއްބަނީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީގައި
ދައުލަތުން ބުނެފައި ވަނީ އެ ކުއްޖާ ބަހައްޓަން ޖެހޭނީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެއްގައި ކަމަށެވެ. އެކަމަކު، އެފަދަ ފެސިލިޓީއެއް ގާއިމްކޮށްފައި ނުވާއިރު، އެ ތަން ހަދަން ޖެހޭ މުއްދަތު ހަމަނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ އެ ކުއްޖާ ބަހައްޓަން ޖެހޭނީ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ކަމަށް ބުންޏެވެ.
އެކަމަކު، ހައި ކޯޓުން ފާހަގަކުރީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަންދުކުރެވޭ ތަންތަނުގެ ތެރޭގައި ގޭބަންދުކުރުން ވެސް ހިމެނޭ ކަމެވެ. އެ ގާނޫނުގެ ދަށުން ކުއްޖަކު ބަންދުކުރާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާއަތްކޮށް، ގޭގައި ބަންދުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން ވެސް ފާހަގަކުރި އެވެ.
އެހެންވެ، ޖުވެނައިލް ކޯޓުގެ ނިންމުމަކީ ގާނޫނާ ހިލާފު އަދި ބަދަލުކުރަން ޖެހޭ ނިންމުމެއް ކަމަށް ނުފެންނަ ކަމަށް، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަަކަރިއްޔާ ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ހުސެއިން ޝަހީދު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ހިމެނިވަޑައިގެންނެވި ބެންޗުގެ ނިންމުމުގައިވެ އެވެ.
ހައި ކޯޓުން ރިއާއަތްކުރި ކަންކަން:
-
ކުއްޖާ ގޭ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި ގޯސް ނުވަތަ ނުރަނގަޅު ކަމެއް ފާހަގަކުރެވިފައި ނުވުން
-
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކުއްޖާއާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެމުން ދިއުން
-
ތައުލީމު ހާސިލުކުރުމަށް ކޯހެއްގައި ބައިވެރިވެގެން ކުރިއަށްދާ ގޮތް
-
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ފާހަގަކޮށްފައިވާ ކަންކަން
"އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އަދި ހެއްކަށް ނުފޫޒު ފޯރުވުވުމުގެ އިހުތިމާލު އޮތް ކަމަށް ބެލިއަސް، އެ ކަންކަން އެ ފަދައިން އޮތް ކަމަށް ބެލެވުމަކީ، ކުއްޖާގެ ހާލަތާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައި ކުއްޖާ ގޭގައި ބަންދުކުރުމަށް ގާނޫނީ ގޮތުން ހުރަސްއަޅާ ކަމެއް ނޫނެވެ،" ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.