ޖާބިރު މަޖިލިސްގެ އިދާރާ ދޮށުގައި އޮށޯވެގެން

ޖާބިރަށް މި ވަނީ ކިހިނެއް؟

މި ފަހުން އެކި ތަންތަނުގައި ޖާބިރު އުޅުއްވި ގޮތް ފެނުނު އާންމު ބައެއް މީހުންނާއި ތަޖުރިބާކާރު ޑޮކްޓަރަކު ބުނީ އޭނާއަށް އަވަސް ފަރުވާއެއް ބޭނުންވާ ކަމަށް
18 ސެޕްޓެމްބަރު 2021
2

ރައްޔިތުން މަޖިލީހުގައި އޭނާ އަވަގުރާނަ ވެސް ގޮވައިފި އެވެ. އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި  ނިޒާމު ގެއްލުވާލުމުން އެތައް ދުވަހަކު ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވެސް ނެރެއްޖެ އެވެ. އަދި މެމްބަރުންގެ ލޮލަށް ބޮލަށް އަރައިގަންނަން ވެސް އުޅުއްވި އެވެ. މަޖިލީހަށް ހާޒިރުވި ވަޒީރެއްގެ ލޮލަށް އިނގިލި ކޮއްޕާނުލެއްވީ ވެސް ކިރިޔާ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަމަލުތައް ހުރި ގޮތެވެ.

ވިސްނުން ތޫނު އަދި ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި އެއް ދުވަސްވަރެއްގައި މަޝްހޫރު ޖާބިރަށް ވެގެން މި އުޅެނީ އަސްލު ކިހިނެއް ހެއްޔެވެ؟

ހަމަ ގައިމުވެސް ޖާބިރުގެ އުޅުމާއި މިޒާޖަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ބައެއް ފަހަރަށް ފެންނަނީ ވަރަށް "އެގްރެސިވްކޮށެ"ވެ. ބައެއް އާންމުން ސިފަކުރާ ގޮތުގައި އޭނާގެ ފަރާތުން ފެންނަ މަންޒުތަކާ މެދު ހިތާމަކުރަން ޖެހެ އެވެ. 

 މީގެ ދެ މަސް ކުރިން މަޖިލީހުގެ ގޭޓު ދޮށުގައި އޮށޯވެ އޮންނަވައި ހަޑި ހުތުރު ބަހުން ހަޅޭއްލެވި އެވެ. އެގޮތަށް ކަންތައް ކުރެއްވީ، މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި، މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ޖެއްސި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުންނެވެ. ޖާބިރު މައިތިރިކުރައްވަން އަނބިކަނބަލުން ދިޔާނާ ސައީދު ވެސް މަސައްކަތްކުރެއްވި އެވެ. އެކަމަކު ޖާބިރު ގޮތްދޫނުކުރައްވާ އިންނެވީ އެވެ. 

ޖާބިރު މަޖިލިސް ތެރޭ ކޯފާވެ، އަވަގުރާނަ ގޮވި ދުވަހެއްގައި ނަގާފައިވާ ވީޑިއޯ ސްކްރީން ޝޯޓެއް

ދެން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔުމުގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގެއާ ހަވާލުވާށޭ ވިދާޅުވެ އަޑުގަދަކުރެއްވި ތަނެވެ. ޖާބިރު ތުހުމަތުކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އޭނާ ވަނީ މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވައިފަ އެވެ. އެ ފައިސާ ދެއްވީ ކިނބިގަސްދޮށޫގެ "ރަހުނުކޮށްފައި" ކަމަށް ވިދާޅުވިޔަސް، ޖާބިރުގެ ފަރާތުން އެއްވެސް ހެއްކެއް ނުދެއްކެވެ އެވެ.

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ޝިފާ މުހައްމަދުގެ ކެމްޕޭންގައި ރޭ ޖާބިރު އުޅުއްވި ގޮތް ވެސް ވަރަށް ދެރަވަރުކަމަށް، މަންޒަރު ފެނުނު މީހުން ބުނެ އެވެ. ޝިފާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ކައިރިއަށް ޖެހިވަޑައިގެން، އިރުއިރުކޮޅާ "ހޮވިއްޖޭ"އޭ ގޮވާ ހެއްދެވި ގޮތުން ޖާބިރުގެ ހަރަކާތްތަކާ މެދު ސުވާލު އުފައްދާ ހިސާބަށް ދިޔަ އެވެ. އޭނާއަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވި ބަސްތައް ހަމައެއްނުޖެހެ އެވެ. ދޫފަރިތަކަމާ އެކު ވާހަކަ ދައްކަވާ ބޭފުޅެއްގެ ފަރާތުން އެކަހަލަ މަންޒަރެއް ފެންނާނީ، ބައެއް މީހުން ބުނާ ގޮތުގައި، ވަރަށް ބޮޑު ބަދަލެއް ވިސްނުމަށް ވެސް އައިސްގެންނެވެ.

ޝިފާގެ ކެމްޕޭން ޖަލްސާގައި ބައިވެރިވަނީ

އެ ހަފްލާ ނިމުމުން ޖާބިރު ވަޑައިގެންނެވީ ސްޓެލްކޯ ކައިރިއަށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓެލްކޯ ދޮރު ކައިރީގައި ތިބި ދެ މުވައްޒަކާ ދިމާލަށް އަތްއުއްކަވައި ޒުވާބުކުރެއްވި އެވެ. އޭނާ ރުޅިއައީ، އެތަނުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، ސްޓެލްކޯއަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސެކިއުރިޓީން އޭނާ ހިފެހެއްޓުމުންނެވެ.

ސްޓެލްކޯއަށް އެ ގަޑީގައި ވަންނަވަން އުޅުއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. 

ޝިފާގެ ކެމްޕޭން ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ

ޖާބިރުގެ މި އަމަލުތަކާ ގުޅިގެން ބައެއް މީހުން ބުނަނީ އޭނާ ހުންނެވީ ނަފްސާނީ އެހީއަށް ބޭނުން ވެފައި ކަމަށެވެ. 

ޑޮކްޓަރެއްގެ ބަސް - އައިޖީއެމްއެޗުގެ ސީނިއަ އަދި ތަޖުރިބާކާރު ޑޮކްޓަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، 'ދައުރު'އަށް ވިދާޅުވީ ޖާބިރުގެ އެ އަމަލުތަކުން އެއް ކަމެއް ޔަގީނެވެ: އޭނާއަށް ތެރަޕީ ބޭނުންވާ ކަމެވެ.

ޖާބިރު ސުޓެލްކޯ ކައިރިއަށް ވަޑައިގެން ހަޅޭއްލަވަނީ

އޭނާ ވިދާޅުވި ގޮތުގައި ޖާބިރު މިހާރު ހުންނެވި ހާލަތުން ސަލާމަތްކުރަން ވީހާވެސް އަވަހަކަށް ހާއްސަ ފަރުވާ ލިބޭ ތަނަކަށް ގެންދަން ޖެހެ އެވެ.

ޖާބިރު އުޅުއްވާ ގޮތް މިހާރު ވަނީ ސޯޝަލް މީޑިއާގެ ބޮޑު މަޖާގަނޑަކަށް ވެސް ވެފަ އެވެ. އޭނާގެ ވީޑިއޯތައް އާންމުކުރެ އެވެ. އެކަމަކު މިއީ، ޖާބިރާ މެދު ހަމްދަރުދީވާ ބައެއް މީހުން ބުނާ ގޮތުގައި، މަޖާކުރަންވީ ކަމެއް ނޫނެވެ.

ޖާބިރަށް ދިމާވެގެން އުޅެނި އަސްލު ކޮން މައްސަލައެއްތޯ އޮޅުންފިލުވަން އޭނާގެ އާއިލާގެ އެއްވެސް މެމްބަރަކާ "ދައުރު"އަށް ގުޅޭ ގޮތެއްނުވި އެވެ. އަނބިކަނބަލުން ދިޔާނާ ވެސް ފޯނެއް ނުނަންގަވަ އެވެ.

ކޮމެންޓް (2)

މަގާމު

18 ސެޕްޓެމްބަރު 2021
ކުފޫހަމަވޭބާ. ބުއްދި ސަލާމަތުން ހުރުން
5 0

ސަސިނ

18 ސެޕްޓެމްބަރު 2021
ބޯ އެއްޗެއް ބޮވޭލެއް މަދީ ކަމަށް ވަނީ، ކޮންމެ ކަމެއް ނަފުސާނީ ބޮލުގަ އެޅުވީމަ އަދި ނުނިމޭނެ
12 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް