ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އަމީނުގެ މައްސަލައިގައި ކޯޓުގެ މާނަކުރުން ހަމަައެއް ނުޖެހޭ، ބަލަންޖެހޭނީ ޓެރަރިޒަމް ގާނޫނަށް: ޝަމީމް
ދައުވާކުރީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ކަނޑައަޅައި ރާއްޖޭގެ އެންމެ ބޮޑު އެއް ޓެރަރިސްޓް ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން ދޫކޮށްލަން ހައިކޯޓުން ނިންމި އިރު، ދައުވާކުރުމުގެ މުއްދަތުތައް ބަންދާ ގުޅުވައިގެން މާނަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - އަމީންގެ މައްޗަށް އުފުލި ދައުވާތައް ކުރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ އުފުލުމުގައި އުނިކަމެއް އޮތްކަމަށް ބުނެ، ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން އަމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ނަމަވެސް ހައިކޯޓުގެ ރެޖިސްޓްރާ ނިންމީ އިސްތިއުނާފު ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ އެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކުރެއްވި އެވެ. އެންމެ ފަހުން އަމީންގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ މައްސަލަ ބަލަން އެންގި އެވެ.
އަމީންގެ ފަރާތުން ހައިކޯޓުގައި އެދުނީ:
-
އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށްގެންދެވޭނެ ދައުވާތަކެއް ކަމަށް ނިންމި ނިންމުން ބާތިލުކުރުމަށް ހައިކޯޓުން މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން
ހައިކޯޓުގެ ނިންމުން
ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ، އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫން ކަމަށެވެ.
ހައިކޯޓުން ބުނީ:
-
އަމީންގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާނަމަ، އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް އެ ގާނޫނުގެ ދަށުން ކަމަށް ވާނަމަ، ބަންދުގެ މުއްދަތު ވެސް އަންނަން ޖެހޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް
-
އަމީންގެ މައްޗަށް ބަންދާ ގުޅޭ ކަންކަމުގައި ހިންގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ އާންމު އުސޫލުތައްކަން އެނގޭތީ، އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ފަހު ހިންގާ ތަހުގީގުތަކާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގައި ވެސް އަމަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުގެ ދަށުން ކަމަށް
-
އަމީންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުރަތަމަ ހާޒިރުކުރެވުނު ދުވަސް ކަމަށްވާ، 24 އޮކްޓޫބަރު 2019 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ ކަމަށް
-
އަމީންގެ މައްޗަށް ދައުވާކުރެވޭނެ އެންމެ ފަހު ތާރީހަކީ، 24 ނޮވެމްބަރު 2019ގެ ސަރުކާރު ރަސްމީ ގަޑި ނިމުމުގެ ކުރިން ކަމަށް
-
އަމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ، 5 ޑިސެމްބަރު 2019ގައި ކަމަށް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާކުރުމުގެ މުއްދަތު
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ވަނީ:
-
ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ ދަށުން ބަންދުކުރެވިފައިވާ މީހެއް ނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަންވާނެ
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރުމުގެ މުއްދަތު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ވަނީ:
-
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއް ނަމަ، އޭނާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ
-
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް ދައުވާ އުފުލަންވާނެ
އަމީންގެ މައްޗަށް ދައުވާކުރެވޭނެ އެންމެ ފަހު ތާރީހަކީ، 24 ނޮވެމްބަރު 2019 ގެ ސަރުކާރު ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.
ޝަމީމްގެ ރައުޔު
ޝަމީމްގެ އަމިއްލަ ބްލޮގުގައި މިއަދު ޝާއިއުކުރި ލިއުމެއްގައި އޭނާ ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގެ އިބާރާތް ފެށިފައި އޮތީ "މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން" ކަމަށެވެ. އެހެންވެ، އެހެން ކަންކަން ހިންގަން އެ މާއްދާ "ހުރަސް ނާޅާ"ކަން އެނގޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ޖުމްލައިގައި ބުނަނީ، ޖިނާއީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި ނަމަ، ދެން އޭގެ ފަހުން އަމަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތަށް ކަމަށެވެ. ނަމަވެސް، އެއީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގަ އެވެ. މިވާހަކަ އޮތީ ބަންދާ ގުޅޭ ވާހަކަ އޮތް މާއްދާގަ އެވެ. މިވާހަކަ، ދައުވާކުރުމުގެ މުއްދަތާ ގުޅޭ މާއްދާގައި ތަކުރާރުވެފައެއް ނެތެވެ. ހަވާލާއެއް ދީފައެއް ވެސް ނެތެވެ. އެހެންކަމުން، ބަންދުކުރުމާއި ދައުވާކުރުމުގެ މުއްދަތާ، މި ގާނޫނުގައި ގުޅުމެއް ނެތްކަން އެނގެ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެ ގާނޫނު ދޫކޮށް، އާންމު އިޖުރާއަތު ގާނޫނަށް ރުޖޫއަވުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އުސޫލާ ހިލާފުވުމެވެ.
ޝަމީމް ވަކާލާތުކުރެއްވި ގޮތުގައި:
-
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް ބަޔާންކުރާ އެކަކުން ފެށިގެން 28 ވަނަ މާއްދާ ފެށުމުގެ އިބާރާތުގައި "އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް" ކަމަށް އޮތުމުން، މި މާއްދާއިން މި އިސްތިސްނާކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި އާންމު އުސޫލުތައްކަން
-
އެ މާއްދާއަކީ ކުރިން ގާނޫނުގައި އޮތް މާއްދާއެއް ނޫންކަން
-
އެ މާއްދާ ލިޔުމުގެ ކުރިން އަމަލުކުރަމުން ދިޔައީ ޖިނާއީ އިޖުރާއަތުގެ އާންމު މުއްދަތުތަކަށްކަން
-
އެ މުއްދަތުތައް މިކަހަލަ މައްސަލަތަކުގައި އެކަށީގެން ނުވާތީ، އެ މުއްދަތު އިތުރުކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އެކަކުން ފެށިގެން 28 ވަނަ މާއްދާ ގާނޫނުގައި ތައާރަފުކުރީ ކަމަށް
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާގެ ބާރު ކެނޑޭ ގޮތަށް، 26 ވަނަ މާއްދާގެ (ފ) މާނަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން
-
އެއީ ރަނގަޅު މާނަކުރުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް
-
ސުޕްރީމް ކޯޓުގެ އެ ޝަރަހަކޮށްދިނުން ހައިކޯޓުން ވެސް ކުރިން ބަލައިގަނެފައިވާ ކަމަށް
"ހައިކޯޓުން ވިދާޅުވާ ގޮތަށް ބަންދުކުރުމާއި ދައުވާކުރުމާ ގުޅުވައިގެން މާނަ ކުރާ ނަމަ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ)ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހު، މިބާވަތުގެ މައްސަލައެއްގައި މީހަކު ބަންދަކު ވެސް ނުބެހެއްޓޭނެ އެވެ،" ޝަމީމްގެ ބްލޮގުގައިވެ އެވެ.
ޕީޖީ ފާހަގަކުރެއްވި ގޮތުގައި، އޭނާ ދެކެވަޑައިގަންނަވާ ގޮތަށް ބާރުދޭ ތިން ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ. އެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގެ މައިގަނޑު ހުލާސާއަކީ، ޝަމީމް ވިދާޅުވި ގޮތުގައި:
-
ވަކި ބާވަތެއްގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބޭތިއްބުމާ ބެހޭ ގޮތުން ވަކި އުސޫލެއް އޮއްވައި އަދި އެ ގާނޫނުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހވާލާދީފައި ނެތީސް، ހާއްސަ ގާނޫނުގައި ބުނާ އުސޫލު ދޫކޮށް، އާންމު ގާނޫނަށް ނުދެވޭނެކަން
"މުހައްމަދު އަމީންގެ މައްސަލައިގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެ ގާނޫނު ދޫކޮށް، އާންމު އިޖުރާއަތު ގާނޫނަށް ރުޖޫއަވުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އުސޫލާ ހިލާފުވުމެވެ. މިސަބަބަށްޓަކައި، ހައިކޯޓުގެ 2021/HC-B12/50 ނަންބަރު ގަޒިއްޔާގެ ނިންމެވުން ރަނގަޅު ނޫނީ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
އިތުރަށް ކިޔާލަން - މުއްދަތު ހަމަވި ފަހުން ދައުވާކުރުމުން އަމީން ސަލާމަތް ވެއްޖެ