ސުޕްރީމް ކޯޓު ކުރިމަތިން މީހަކު ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ކުރީ އަހަރަށް ވުރެ %29 އިތުރަށް މިދިޔަ އަހަރު މައްސަލަ ނިންމި: ސުޕްރީމް ކޯޓު
އޭގެ ކުރީ އަހަރަށް ވުރެ މިދިޔަ އަހަރު %29 އިތުރަށް ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި ބުނީ، 18 ސެޕްޓެމްބަރު 2020 އިން 18 ސެޕްޓެމްބަރު 2019 އާ ދެމެދު 225 މައްސަލަ ހުށަހެޅި 121 މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ތެރޭގައި 369 އަޑުއެހުން ބާއްވައި، 90 މައްސަލައެއްގައި ހުކުމް ކޮށްފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
"ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށް ވުރެ ކާމިޔާބު އަހަރެކެވެ،" ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި އިތުރު ކަންކަމަކީ:
-
ޝަރީއަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން
-
ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ދެނެގަނެ އެ ކަންކަން ހައްލުކުރަން މަސައްކަތްކުރުން
-
އެ ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ސުޕްރީމް ކޯޓުގެ އާ ގަވާއިދު އާންމުކުރުން
-
16 ފެބްރުއަރީ 2020 އިން ފެށިގެން ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށުން
-
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދަން 2 ޖޫން 2020ގައި ފެށުން
ކޭސް ރިޕޯޓަރު އެޕް
ސުޕްރީމް ކޯޓުން ބުނީ ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރު ކުރި އެންމެ ބޮޑު ކަމަކީ ކޭސް ރިޕޯޓަރު އެޕްލިކޭޝަން ތަރައްގީކުރުން ކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް:
-
1-
ސުޕްރީމް ކޯޓުގެ ތާރީހުގައި ނިންމާފައިވާ ހުރިހާ ނިންމުންތައް އަޅާފައިވޭ
-
2-
އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރަން ފެށުން
-
3-
ދެވަނަ ފިޔަވަހި ނިމޭ އިރު ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް އެޕް ބޭނުންކުރެވޭނެ
"މިއީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށުނު ހާއްސަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްގީކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ، ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓު:
-
ސުޕްރީމް ކޯޓު ގާއިމްކުރީ 18 ސެޕްޓެމްބަރު 2008ގައި
-
އެ ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވާ
-
މިހާރުގެ ބެންޗު: އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް