ރާއްޖެ އައި ފަތުރުވެރިންތަކަކަށް އެއާޕޯޓު ރެޕަކު މަރުހަބާ ކިޔަނީ: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ %99 ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހާފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބޫސްޓާ ޑޯޒް ޖެހީ ޓޫރިޒަމް ދާއިރާގެ %30 މީހުން

ރާއްޖޭގައި ހިންގާ 163 ރިސޯޓުގައި 46،922 މުވައްޒަފުން މަސައްކަތްކުރޭ؛ %97 މީހުން ވަނީ ދެ ޑޯޒް ޖަހާފައި

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ %30 މީހުން މިހާތަނަށް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން ފެށީ މިދިޔަ މަހުގެ 15ގަ އެވެ. އެގޮތުން:

  • ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިން 

  • އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހައިދޭ 

  • ބޫސްޓާ ޑޯޒް ޖަހައިދެނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ މީހުންނަށް

ތަފްސީލް - ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިން ވެކްސިން ޖަހާފައިވާ މިންވަރު އަންގައިދޭ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ހިއްސާކޮށްފައި ވާއިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި:

  • ބޫސްޓާ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 14،055

  • ބޫސްޓާ ޑޯޒް ޖަހަން ޖެހޭ އިތުރު 32،867 މީހުން އެބަތިބި

  • ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 45540؛ އެއީ ވެކްސިން ޖަހަން ޖެހޭ މީހުންގެ %97

  • މި ދާއިރާގެ މަސައްކަތްތެރިންގެ %99 ވެކްސިންގެ އެއް ޑޯޒް ޖަހާފައިވޭ

އެނގުން މުހިއްމު - ރާއްޖޭގައި 163 ރިސޯޓު ހިންގާ އިރު، ޖުމްލަ މުވައްޒަފުންގެ އަދަދަކީ 46،922 ކަމަށެވެ.

ރިސޯޓުތައް މެދުވެރިކޮށް މުވައްޒަފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ކަމެއް - އެޗްޕީއޭ އިން ރޭ އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ބޫސްޓާ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަކީ 98،014 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް