މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ކޮމަންޑޫ އިންތިހާބުގައި ފެނަކައިގެ މުވައްޒަފަކަށް 'ބިރު ދެއްކި' އޯޑިއޯ ނަޝީދަށް މައްސަލައަކަށް ނުވި

އެ އޯޑިއޯ މަޖިލީހުގެ ތަޅުމުގައި އަޑުއިއްވަމުން ޝިޔާމް ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅުއްވާނެ ކަމަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފެނަކައިގެ މުވައްޒަފަކަށް އެ ކުންފުނީގެ ވެރިޔަކު ވަޒީފާގެ ބިރު ދެއްކި ކަމަށް ބުނާ އޯޑިއޯ މައްސަލައަކަށް ނުވެ، އެ އޯޑީއޯގައި ދެއްކި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދިފާއުކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - އިންތިހާބުގެ އެއް ދުވަސް ކުރިން ދައުރުވި އެ އޯޑިއޯގައި މުވައްޒަފަށް ބިރު ދެއްކި ކަމަށް ތުހުމަތު ކުރަނީ ފެނަކައިގެ އޮޕަރޭޝަންސް އަދި ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ވެރިޔާ ޒާހިރު އުސްމާނަށެވެ. އެ އޯޑިއޯގައި:

  • އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ދިނުމަށް އޭނާ ފެނަކައިގެ މުވައްޒަފުގެ ކިބައިން އެދޭ 

  • ވޯޓު ނުދޭ ނަމަ، އައިޑީ ކާޑު ދޭން ޝަރުތު ކުރޭ

  • އޭނާ އަންގާ ގޮތަށް އަމަލު ނުކޮށްފި ނަމަ، ވަޒީފާ އިން "ކަނޑާ ވައްޓާލާނެ" ކަމަށް ވެސް ބުނޭ

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ އެ އޯޑިއޯ އަޑުއިއްވާފަ އެވެ. ވަކި ހިސާބަކުން އޯޑިއޯ އަޑުއެއްސެވުމަށް ފަހު ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވި ގޮތުގައި އޭގައި މައްސަލައެއް ނެތެވެ.

ފެނައިގެ ވެރިޔެއް ކަމަށް ބުނާ މީހާގެ އޯޑިއޯ

ތަފްސީލު - ޖަލްސާގައި ވާހަކަ ފައްޓަވަމުން ޝިޔާމް ވިދާޅުވީ "ހުރިހާ ނުފޫޒެއް ބޭނުންކޮށްގެން" ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ރާޝިދަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ވާހަކަ ދެއްކި އޯޑިއޯ ޖަލްސާގައި އަޑު އިއްވުމުގެ ހުއްދައަށް ރިޔާސަތުގެ އަރިހުން އޭނާ އެދިވަޑައިގެންނެވި އެވެ.

އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރެއްވުމުން އެ އޯޑިއޯ އަޑު އިއްވުމަށް ނަޝީދު ފުރުސަތު ދެއްވި އެވެ. ނަމަވެސް، އެ އޯޑިއޯގެ މިނިޓެއްހާއިރު އަޑުއެއްސެވުމަށް ފަހު އެކަން މެދުކަނޑާލަން ނަޝީދު ޝިޔާމަށް އެންގެވި އެވެ. ނަޝީދު ވިދާޅުވީ އެ އޯޑިއޯ އިއްވުމުގެ ފުރުސަތު ޝިޔާމަށް ލިބިވަޑައިގެންނެވީ އެއްވެސް މެންބަރަކު ނިޒާމީ ނުކުތާއެއް ނުގެންގުވުމުންނެވެ.

ނަޝީދު ވަނީ އެ އޯޑިއޯ އިން އެ މަނިކުފާނަށް ގަބޫލުކުރެއްވޭ ގޮތް ހާމަކުރައްވާފަ އެވެ.

"ތި ވިދާޅުވާ ފެނައިކައިގެ ވެރިޔާ ވިދާޅުވެފައި އޮތީ، ތިމަންނާއެއް ތިބޭފުޅާ ވަޒީފާ އިން ވަކި ނުކުރާނަމޭ. ފުރަތަމަ އޭނާ [ޒާހިރު] ވާހަކަ ދައްކަވަން ފައްޓަވަމުން ވެސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ކުރާ ކަމެއްކަން [އެބަ ބުނޭ]. އޭނާ އަކީ ކޮމަންޑޫ ވޯޓު ހައްގުވާ މީހެއް، އޭނާ އަކީ ކެމްޕެއިން ކުރުމުގެ ހައްގު ވެސް އޮތް މީހެއް. އޭނާ އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ނުފޫޒު ނުފޯރުވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަޒީފާގެ ބިރު ދެއްކިކަން އެނގޭނީ "އޭގެ އެހެން ވީޑިއޯއެއް ހޯއްދަވައިގެން" ކަމަށެވެ.

ޝިޔާމް މިއަދު އޯޑިއޯ މަޖިލީހުގައި އަޑުއިއްވަނީ.

ޝިޔާމް ވިދާޅުވީ އެ އޯޑިއޯ އެއްކޮށް އަޑުއަހާލަން ނަޝީދަށް "ކެރިވަޑައިނުގަތަސް" އެ އޯޑިއޯ އެ މަނިކުފާނަށް އަރުވާނެ ކަމަށެވެ. އަދި މި މައްސަލަ މަޖިލީހުގެ ކޮމިޓީތަކަށް ވެސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަންތައްތައް މިއަދު އަޅުގަނޑުމެން ދޫކޮށްލައިފި ނަމަ، މި ކަންތައްތައް ދާނީ ތަކުރާރުވެގެން. މިއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަސާސްތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި."

ޝިޔާމްގެ ވާހަކަތަކަށް ފަހު ނަަޝީދު ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގެ ފުރިހަމަ އިހްތިޔާރު ޝިޔާމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް އެ އޯޑިއޯގައި ދެއްކި ވާހަކަތައް ދިފާއުކުރައްވައި ނަޝީދު ވާހަކަ ދެއްކެވި އެވެ.

"އޯޑިއޯ އިން ވަރަށް ބޮޑަށް ސާފުވީ ފެނަކައިގެ އޮފިޝަލް ވިދާޅުވާ އަޑު ނުފޫޒު ނުފޯރުވާނެ ކަމަށް. ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް. އޭގެ ފަހުން އެ ބޭފުޅާ ދައްކަވާ ހުރިހާ ވާހަކައަކީ ވެސް އަމިއްލަ ހައިސިއްޔަތުން ދައްކަވާ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމަށް ފަހު، ހެނދުނުގެ ސައިގެ ވަގުތަށް މަޖިލިސް މެދުކަނޑާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް