ކޮމަންޑޫ ބައި އިލެކްޝަންގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީގެ ކެޕްޑިޑޭޓް މުހައްމަދު ރާޝިދުއަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަނީ

ރައީސް ހިތުގައި ޖައްސައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ: ގާސިމް

ގާސިމް ވިދާޅުވީ ތަރައްގީ އަންނާނީ މެމްބަރަކު ކުރާ ތަސައްވުރަށް ނޫން ކަމަށް

ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ހިތްޕުޅުގައި ޖެހޭ ގޮތަށް ނުވަތަ ލަދުގަންނަވާ ގޮތަށް އަމަލުކޮށްގެން ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕޭން ކުރެއްވުމަށް، ގާސިމް އެ ދާއިރާއަށް މިހާރު ގެންދަވަނީ ދަތުރެއް ކުރައްވަމުންނެވެ. ސިޔާސީ ގޮތުން މާ ބޮޑު ހަރަކާތެއް ނެތި ދުވަސްގަނޑެއް ވުމަށް ފަހު ކެމްޕެއިން މި ދަތުރުކުރެއްވުމުގެ މުހިއްމުކަން، ސަޕޯޓަރުންނަށް އޭނާ ކިޔައި ވެސް ދެއްވި އެވެ.

ބުނީ ކީކޭ؟- އުމުރުން 71 އަހަރުގެ ގާސިމް ވިދާޅުވި ގޮތުގައި އެ އުމުރުގައި، ނުރައްކާތެރި ބަލިމަޑުކަމުގެ ތެރެއިން އޭނާ ދަތުރުކުރެއްވުމުގެ ރިސްކު ނެންގެވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާތީ އެވެ. އޭނާގެ ނަސޭހަތަކީ، "ރައީސްގެ ލޯތްބާއި ރުހުން އޮވެގެން ނޫނީ މަޝްރޫއުތައް ނުހިނގާނެ" އެވެ. އަދި "މިފަދަ އިންތިހާބެއްގައި ވެސް ރައީސް ލަދުގަންނަވާ ނުލާށެ"ވެ.

"މަޖިލީހަށް ކޮންމެ މީހަކު ހޮވުނަސް، އޭނާ ކުރަހާ ތަސައްވުރަކަށް ނޫން ކަންތައްތައް ވަނީ. އަޅުގަނޑުގެ ދާއިރާ ތަރައްގީ ވަނީ، އަޅުގަނޑުގެ ހިތުގައި އޮންނަ ޗާޓާ އެއްގޮތަކަށް ނޫން. ރައީސަކަށް ހުންނަ މީހާއަށް، ހިތުގައި އޮންނަ ޕްލޭން ހުށަހެޅުމުން، އޭނާ އެކަން ކޮށްދިނިއްޔާ ވާނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމުން، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުލުން މުހިންމު ކަމަށް

  • ދާއިރާއެއްގައި މަޝްރޫއުތައް ހިންގާނީ، ސަރުކާރުގެ ތާއީދު އޮވެގެންކަން

ގާސިމް ވިދާޅުވި ގޮތުގައި ކޮމަންޑޫގެ ރައްޔިތުންނަށް ބިމުގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އެކަމަކު އެކަން ހައްލުކުރަން، މަތިކޮމަންޑު އާއި ދަށު ކޮމަންޑޫ ގުޅާލަން ނިންމީ، ސަރުކާރުން އެކަން ތަނަވަސްކޮށްދިނުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވިއްޖެ ނަމަ، ސަރުކާރުގައި ތިއްބަވާ ވެރިން ލަދުގަންނާނެ ކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން އޭނާ ވެސް ދެރަވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވާއިރު ވެސް، ވެރިމީހާ އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ކުރުން މުހިއްމު ކަމަށް ގާސިމް ވިދާޅުވި އެވެ.

"މީހަކު ދިއްކޮށްލާ ހަދިޔާއަކުން، އެހެން ޕާޓީއަކުން ދައްކާ ވާހަކައަކުން ނޯޅޭތި. ހިތް ބަދަލުނުކުރާތި،" ގާސިމް، އޭނާގެ ނަސޭހަތް ތަކުރާރުކުރެއްވި އެވެ.

"ރައްޔިތުންގެ ކުރިއެރުމަށް، ތަނަވަސްކަން ބޭނުމިއްޔާ އޭރުގެ ސަރުކާރުގެ ވެރިއަކާ އެއްގޮތަށް ކަންތައްތަކުރާނީ. ހިތުން ރުހުމުން ކޮށްދޭ ކަންކަން ތަފާތު ވާނެ."

ކޮމެންޓް (1)

ނަހުލާ

27 ޖެނުއަރީ 2022
އެމްޑީޕީ ވެރިކަމެއް އޮންނަ އިރު މުހިންމީ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށް ގާސިމް ބުނާއިރު ކީއްވެޔޯ އެމްޑީޕީ ވެރިކަމެއް އޮއްވާ ގާސިމް ޕާޓީން މަޖްލީހަށް މީހުން ކުރިމަތިލަނީ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް