ގާސިމް އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި ކޮމަންޑޫގައި ވާހަކަ ދައްކަވަނީ: މި ފަހުން ސަރުކާރަށް ތައުރީފް ކުރެއްވުން ވަނީ ގިނަ ކުރައްވާފައި.

ގާސިމްއަށް ބަދަލުގެ ގޮތުގައި 50 މިލިއަން ރުފިޔާ ސަރުކާރުން ދީފި

ގާސިމްގެ ކުންފުނި ޑަބްލިޔުއެލްޓީއަށް ބަދަލު ފައިސާ ދިނީ ކޮމަންޑޫ އިންތިހާބުގެ ކެމްޕޭންގައި ގާސިމް އަމަލީ ގޮތުން ބައިވެރިވާން ފެއްޓެވި ފަހުން
4 ފެބްރުއަރީ 2022
1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ބަދަލުގެ ގޮތުގައި އިތުރު 3.3 މިލިއަން ޑޮލަރު (50.8 މިލިއަން ރުފިޔާ) ސަރުކާރުން ދީފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓްތަކެއް ތަރައްގީ ކުރުމަށް ގާސިމްގެ ވިލާ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ޑަބްލިއުއެލްޓީއާ ދެމެދު 2007 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ޑަބްލިއުއެލްޓީއިން އެއިމްސް ކުންފުންޏަށް އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރުގެ ތެރެއިން އެއިމްސް ކުންފުނިން ސީދާ ޒިންމާވާން ޖެހޭ ޖުމްލަ 3.3 މިލިއަން ޑޮލަރު މަސް ދުވަސް ތެރޭ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރުތަކުން 'ދައުުރު' އަށް އެނގިފައިވާ ގޮތުގައި 3.3 މިލިއަން ޑޮލަރު އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް އެއް މަސް ތެރޭ ދައްކަން ހުކުމް ކުރި ނަމަވެސް ޝަރުއީ މަރުހަލާތައް ނިމެންދެން އެ ފައިސާ ނުދައްކާ ސަރުކާރުން އޮތީ މަޑުޖައްސާލައިފަ އެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭ ކުއްލިއަކަށް އެ ނިންމުން ބަދަލުކޮށް، އެއިމްސް ކުންފުނި އުވާލުމުގެ މަސައްކަތް ކުރެވެން އަންނަނީ އެ ދަރަނި ހަލާސްކޮށްގެން ކަމަށް ބުނެ، އެ ފައިސާ ޑަބްލިއުއެލްޓީއަށް ދޫކުރަން ސަރުކާރުން ނިންމީ އެވެ.

ދެން ކަންވީ ގޮތް:

  • 'ދައުރު'އަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެ ނިންމުމާ އެއްގޮތަށް، ސަރުކާރުގެ ކުންފުނިތަކެއް ގުޅިގެން އުފައްދާފައިވާ، އެއިމްސް ކުންފުނިން ވަނީ މިދިޔަ ބުދަ ދުވަހު 3.3 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީއަށް ދައްކާފައި

  • ވިޔަފާރީގެ މުއާމަލާތެއް ނުހިންގާ އޮންނަތާ އެތައް އަހަރެއް ވެފައިވާ އެއިމްސް ކުންފުނިން އެ ފައިސާ ދެއްކީ އެ ކުންފުނީގައި ހިއްސާ އޮންނަ އެސްޓީއޯ، އެމްއޭސީއެލް އަދި އެމްޓީސީސީ އިން، ކޮންމެ ކުންފުންޏަކުން 1.1 މިލިއަން ޑޮލަރު (16.9 މިލިއަން ރުފިޔާ) އެއިމްސް ކުންފުންޏަށް ދީގެންކަން އެނގިފައިވޭ

މިފައިސާ ދައްކާ ހަލާސްކުރުމާ އެކު ގާސިމްގެ ޑަބްލިއުއެލްޓީއަށް ބަދަލުގެ ގޮތުގައި ދައުލަތުން ދިން ފައިސާގެ އަދަދު 180.8 މިލިއަން ރުފިޔާއަށް އެރީ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެ މިނިސްޓްރީގެ މީޑިއާ އޮފިސަރަަށް ތަކުރާރުކޮށް ގުޅައި މެސެޖް ކުރި ނަމަވެސް ޖަވާބެއް ނުދެއްވި އެވެ. އަދި ސަރުކާރުގެ އޮފިޝަލުން ވެސް އެކަމާ މެދު ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.

އެނގުން މުހިއްމު - ގާސިމްގެ ޑަބްލިއުއެލްޓީއަށް ބަދަލުގެ ގޮތުގައި އަނެއްކާވެސް ބޮޑު އަދަދެއް ދިން އިރު ގާސިމް ވަނީ ށ. ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން، މާދަމާ ބާއްވާ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. އެ ކެމްޕެއިންގައި ގާސިމް ވަނީ "ރައީސް ސޯލިހުގެ މޫނު މަތީ ތަފާލެއް ޖަހައިގެން އަދި ރައީސް ސޯލިހު ދެރަކޮށް މާޔޫސްކޮށްލައިގެން ލިބޭނޭ މޮޅެއް ނޯންނާނެ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ޖުމްހޫރީ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ

ސިވިލް ކޯޓުގެ ހުކުމްގެ މުހިންމު ކަންކަން:

  • ޑަބްލިއުއެލްޓީ އިން އެޑްވާންސަށް ދެއްކި ފައިސާގެ ތެރެއިން ސީދާ އެއިމްސް ކުންފުނިން ޒިންމާވާން ޖެހެނީ އެޑްވާންސަށް ނެގި 1.9 މިލިއަން ޑޮލަރާއި ފައިނޭންސް ކޮސްޓުގެ ގޮތުގައި ހިސާބު ކުރެވޭ 1.4 މިލިއަން ޑޮލަރާ އެކު ޖުމްލަ 3.3 މިލިއަން ޑޮލަރަށް

  • ޑަބްލިއުއެލްޓީއަށް ދައުލަތުން ދައްކަން ޖެހޭ 11.7 މިލިއަން ޑޮލަރުގެ ތެރެއިން، ވިލާއިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ކެނޑުމަށް ފަހު 8.4 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދައްކާ ހަލާސްކޮށްފައިވާކަން ހުކުމުގައި ފާހަގަކުރި

  • ޑަބްލިއުއެލްޓީއަށް ސަރުކާރުން ދެއްކި 130 މިލިއަން ރުފިޔާ ދީފައި ވަނީ 8 ޖުލައި 2019ގައި

ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ

ގުޅުންހުރި ކަމެއް - ގާސިމްގެ ވިލާ އެއާއާ އެކު ހަދާފައިވާ ކާޑެއްދޫ އެއާޕޯޓް ހިންގުމުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދިނުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސަރުކާރާއި ވިލާ އެއާއާ ދެމެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މައްސަލައިގެ ޝަރީއަތުގައި ގާސިމް ކޯޓުގައި ވިދާޅުވެފައި ވަނީ 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކާޑެއްދޫ އެއާޕޯޓަށް އިންވެސްޓްކުރި ކަމަށެވެ. އަދި ވިލާ އެއާ އިން ބުނަމުން އަންނަނީ ކާޑެއްދޫ އެއާޕޯޓާ ހަވާލުވާނީ ރިސޯޓް ހަދަން ރަށެއް ވެސް ދީގެން ކަމަށެވެ.

ކޮމެންޓް (1)

ކައްޕި

4 ފެބްރުއަރީ 2022
އޭރުވެސް އެނގޭ ވާނީ މިހެންކަން. އެހެންވީމަ ބަލަމާ، އެމްޑީޕީ އެންމެ ބަލިކަށިވާ ދުވަހު ގާސިމް ހަދާނެ ގޮތެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް