ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕާޓީގެ އިސް ބައެއް ބޭފުޅުން ފުރާވަޑައިގަންނަވަނީ. (ފޮޓޯ/ޖޭޕީ)

އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވަން ގާސިމް ކޮމަންޑޫ ދާއިރާއަށް

މި ދަތުރުގައި ގާސިމް ކޮމަންޑޫ ދާއިރާގެ 3 ރަށަށް ވެސް ވަޑައިގެން، އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު އިތުރުކުރަން މަސައްކަތް ކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭން ކޮށްދެއްވުމަށް ޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށް ޕާޓީތަކުން އަންނަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.

އެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަކީ:

  • އެމްޑީޕީގެ ކެންޑިޑޭޓު - މުހައްމަދު ރާޝިދު

  • ޕީޕީއެމްގެ ކެންޑިޑޭޓު - މޫސާ ފަތުހީ

  • އެމްއެންޕީގެ ކެންޑިޑޭޓު - ހަންނާން އިދުރީސް

ތަފްސީލު - ޖޭޕީގެ އިސް ބޭފުޅުން ހިމެނޭ ވަފުދަކާ އެކު ގާސިމް، ކޮމަންޑުއަށް ދަތުރު ފެއްޓެވީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އެ ދަތުރާ ގުޅޭ ގޮތުން ޖޭޕީގެ އިސް ތަރުޖަމާނު، އަލީ ސޯލިހު 'ދައުރު'އަށް ވިދާޅުވީ އެ ދަތުރުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވެސް ގާސިމް ވަޑައިގަންނަވާނެ ކަމަށެވެ.

"އަދި މިތިބީ އިފުރުގައި. ސްޓޭޝަން ވާން ހަމަޖެހިފައިވާ ތަނުގައި ތިބުމަށް ފަހު، ކޮމަންޑުއަށް ދާނީ މާދަމާ،" އޭނާ ވިދާޅުވި އެވެ.

"މި ދަތުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދަށް ކެމްޕޭން ކާމިޔާބު ކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގާސިމް ކުރައްވާނެ."

އޭނާ ވިދާޅުވީ ދަތުރު ރޭވިފައިވާ ގޮތާއި ދަތުރުގައި ހިމެނޭ ކަންކަމުގެ އިތުރު ތަފްސީލު މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ގާސިމާއެކު އެ ދަތުރުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެނގުން މުހިންމު - ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ތާއީދު ކުރާ ކެންޑިޑޭޓު ހާމަ ނުކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިންނެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފުލުފުލުގައި އިއުލާނުކޮށް، އަމަލީ މަސައްކަތް ފަށަމުންދާ އިރު، އެ އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި، ގާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް (1)

މުހައްމަދު

25 ޖެނުއަރީ 2022
ދަތުރުގަ ދެން ބައިވެރިވާ ބޭފުޅުންގެ ނަންތައް ލިޔެލި ނަމަ އިތުރަށް ފުރިހަމަވީސް.... އިލްހާމު، ޢަލީ އާރިފް،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް