އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާ (ފައިލް ފޮޓޯ/ އެމްއާރުއެމް)
އެމްއާރުއެމްއިން ގޮވާލީ ނުފޫޒެއްގައި ނުޖެހި ވޯޓުލާން
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ނުފޫޒުން އެއްކިބާވެ ތިބެ ވޯޓު ދިނުުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އިން މިއަދު ގޮވާލައިފި އެވެ. އެކަމަކު އެމްއާރުއެމުން ތާއީދުކުރާ ކެންޑިޑޭޓެއް ހާމަކޮށްފައެއް ނުވެ އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށް ތައްޔާރުވާން ޕާޓީތަކުން އަންނަނީ ފޯރިއާ އެކު ކެމްޕެއިން ކުރަމުންނެވެ. އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރޭ ހިމެނެނީ؛
އެމްޑީޕީގެ ކެންޑިޑޭޓު - މުހައްމަދު ރާޝިދު
ޕީޕީއެމްގެ ކެންޑިޑޭޓު - މޫސާ ފަތުހީ
އެމްއެންޕީގެ ކެންޑިޑޭޓު - ހަންނާން އިދުރީސް
ތަފްސީލް - ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ބުނީ އިންތިހާބަށް ފޯރިއާ އެކު ޕާޓީތަކުން ކެމްޕެއިން ކުރާއިރު އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހަދާފައި ހުރި ގާނޫނުތަކާއި ގަވައިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުންދާ ކަމަށެވެ.
އިންތިހާބުތަކާ ގުޅުވައި، މީގެ ކުރިން ހިނގާފައިވާ ކަމަށް ކުރީގެ ރައީސްގެ އެމްއާރުއެމްއަށް ވިސްނޭ ބައެއް ކަންކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ. އެކަމަކު އެއްވެސް ފަރާތެއްގެ ނަން ގެނެސްފައެއް ނުވެ އެވެ.
ރާއްޖޭގައި ކުރިން ބޭއްވި އިންތިހާބުތަކަށް އިޝާރާތްކޮށް އެމްއާރުއެމުން ބުނީ ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކި މަޝްރޫއުތައް ހިންގުމާއި، ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އާއި ހައްޖާއި އުމްރާ ދަތުރައް ވެސް ދީފައި ކަމަށެވެ. އޭގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރުދެއްކުމާއި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަން ވެސް އިންތިހާބުގެ މާނަ އޮޅޭ ފަދަ މިންވަރަށް ރާއްޖޭގެ އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަން އެމްއާރުއެމުން ބުންޏެވެ.
ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުން ނެތް ވައުދުވުމަކީ ވެސް ކެމްޕެއިން ތެރޭގައި ކުރާ ކަންކަން ކަމަށެވެ.
"އިސްލާހުގެ މަގުގައި މިއަދު އަޅުގަނޑުމެން [މިތިބީ] އެފަދަ ކަންކަމާ ދުރުވެ، މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވެސް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެއް" ކަމަށް އެމްއާރުއެމް އިން ބުންޏެވެ.
އެމްއާރުއެމުން ގޮވާލީ ވޯޓު ލާއިރު، ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލްކަން ހުރި ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. އަދި ކެމްޕެއިންގެ ދުވަސްވަރު ގާނޫނާ ޚިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް، އިންތިހާބަކީ އިންސާފުވެރި، ސައްހަ އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނާއި، ކަމާ ގުޅޭ މިނިވަން މުއައްސަސާތަކަށް ވެސް ގޮވާލި އެވެ.
އެނގުން މުހިއްމު - މި ބަޔާން ނެރުނު އިރު ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް އިން ތާއިދުކުރަނީ ކޮން ކެންޑިޑޭޓަކަށް ކަމެއް އަދި ހާމައެއްނުކުރެ އެވެ.