ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް އިމާރާތް ކުރުމަށް ދިން 30 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)

ޒިކުރާ މިސްކިތުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް ހުޅުމާލޭގައި މިސްކިތެއް އަޅަނީ

30 މިލިއަނަށް ވުރެ އިތުރު ހަރަދެއް ހިނގާނަމަ އެ އިންތިޒާމު ހަމަޖައްސާނީ އެސްޖޭ ކުންފުނިން
23 ޖެނުއަރީ 2022

ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރުމުން، އެ މިސްކިތް އަޅަން ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަން އަށް ދިން 30 މިލިއަން ރުފިޔާއަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު މިއަދު ކޯޓުން ބޭރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޒިކުރާ މިސްކިތް ހިމެނޭ ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުން ހެދީ 9 ޖުލައި 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން، 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. ނަމަވެސް އެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް 13 ޖެނުއަރީ 2021 ގައި ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

ތަފްސީލް - އޭގެ ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތުގެ އެއްބަސްވުމުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް މިނިސްޓްރީން ދެއްކި 30 މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އެދި ސިވިލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ.

އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި، 30 މިލިއަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސްޖޭ އިން ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރި މަޝްވަރާތަކުގައި، އެޓާނީ ޖެނެރަލްގެ ލަފަޔާއެކު އެއްބަސްވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށެވެ.

މިއަދު ވަނީ ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވައިލި ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު، ޑރ. އަހްމަދު ޒާހިރު އަލީ އެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ޝިހާދު އިބްރާހީމް އެވެ.

މިސްކިތުގެ ތަފްސީލް:

  • މިސްކިތް އަޅާނީ ހުޅުމާލެ ދެވަނަ ފޭސް، ޕްލޮޓް ނަންބަރު: 20394 (N5-30) ގައި 

  • އެއީ ޒަމާނީ މިސްކިތަކަށް ވާނެ 

  • މައި ހޯލު އަދި އައުޓް ޑޯ އާއެކު 3000 މީހުންނަށް ނަމާދުކުރެވޭނެ 

  • މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ

  • 427 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހޭނެ

އެނގުން މުހިންމު - އިސްލާމިކް މިނިސްޓްރީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ހަރަދު، އެސްޖޭ ކޮންސްޓްރަކްޝަންގެ ސީއެސްއާރުގެ ގޮތުގައި ކޮށްދިނުމަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމާއެކު، މިނިސްޓްރީއާއި އެސްޖޭ ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދައުވާތައް ކޯޓުން ނެގުމަށް ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް