ހިމަބިހިން ދިފާއުވާން ޖަހާ ވެކްސިން. (ފޮޓޯ/ރޮއިޓާސް)

ހިމަބިހި

މިދިޔަ ހަފުތާގައި އިތުރު 20 މީހަކަށް ހިމަބިހި ޖެހިއްޖެ

ބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 186 އަށް އަރާފައި
44 މިނިޓު ކުރިން

މިދިޔަ ހަފުތާ ތެރޭގައި އިތުރު 20 މީހަކަށް ހިމަބިހި ޖެހި، ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި އެވެ.

ވީ ކިހިނެއް؟- މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ ހިމަބިހި މިދިޔަ މެއި މަހު އަލުން ފެންނަން ފަށައި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލީގައި އެކަކު ވަނީ މަރުވެފަ އެވެ.

ހިމަބިހި ޖެހޭ މީހުންގެ ތަފާސްހިސާބު، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ދަނީ ކޮންމެ ހަފުތާއަކު ވެސް އާއްމުކުރަމުންނެވެ.

ވޭތުވެދިޔަ ދެ ހަފުތާއަށް ބަލާއިރު، ހަފުތާއަކު ބަލި ޖެހޭ މީހުންގެ އަދަދު ވިއްސަށްވުރެ މަދެއް ނުވެ އެވެ.

ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވެކްސިން ދޭން ފަށާފަ އެވެ. އެޗްޕީއޭން މިއަދު ބުނި ގޮތުގައި، މިހާތަނަށް 12،000އަށް ވުރެ ގިނަ މީހަކަށް މި ވެކްސިން ވަނީ ދީފަ އެވެ.

ފަސޭހައިން ޖެހޭ ނުރައްކާތެރި ބައްޔެއް

އެޗްޕީއޭއިން ބުނިގޮތުގައި، ބަލީގެ އަލާމާތެއްގެ ގޮތުގައި ރަތްކުލައިގެ ކުދި ބިހިތަކެއް ގައިން ފެންނަ މި ބަލިން ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވެ އެވެ.

އޭގެ ތެރޭގައި:

  • ސިކުނޑިއަށް އަސަރުކުރުން

  • ނޭވާލާން އުނދަގޫވުން ނުވަތަ ނިއުމޯނިޔާއަށް މަގުފަހިވުން

  • އާދަޔާހިލާފަށް ބޭރަށް ހިންގައި ހަށިގަނޑުން ފެންމަދުވުން

  • ލޯއަނދިރިވުން

  • ކަންފަތުގެ އިންފެކްޝަނެއްގެ ސަބަބުން ބީރުވުން

އެޗްޕީއޭއިން ބުނީ މި ބަލި ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ކަމަށެވެ. އަދި އޭގެ ސަބަބުން އިތުރު ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް އެތަނުން ބުންޏެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅަކީ ވެކްސިން ޖެހުމެވެ. އެހެންވެ، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވީހާވެސް ގިނަ ބަޔަކު ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އެދެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް