މި މަހު ކުރީކޮޅު ހިނގި އެކްސިޑެންޓުންގައި ގެއްލުންވި ލޯންޗު؛ މީގައި ތިބި ފަސް މީހަކަށް އަނިޔާވެެގެން ފަރުވާވެސްދިން.

ލޯންޗެއްގައި ޖެހި އެކްސިޑެންޓުވުމުން ފިލި އުޅަނދު އަދިވެސް ނުފެނޭ

ފުލުހުން ބުނީ، އެ އުޅަނދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް؛ މަޑުނުކޮށްދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ނޭނގޭ

މި މަހުގެ ކުރީކޮޅު ލޯންޗެއްގައި ޖެހި އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ފިލައިގެން ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ -  އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި މި އެކްސިޑެންޓު ހިނގީ މި މަހުގެ 9ގަ އެވެ. މި އެކްސިޑެންޓުގައި އެ ލޯންޗަށް ބޮޑެތި ގެއްލުންވެ، ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދީފައިވެ އެވެ.

​އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިއުމުން، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އެ އުޅަނދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު އަދިވެސް އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

އެނގުން މުހިންމު - މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގައި އެ މީހުން ތިބި ލޯންޗުގެ އެއް އަރިމަތީ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެންގޮސްފަ އެވެ. އަދި އެ ފަޅީގެ ސީޓުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ޒާހިިރުބެ

10 މިނިޓު ކުރިން
ފުލުހުންނާއި ކޯސްޓްގާޑްގެ ގާބިލުކަމާމެދު ސުވާލު އުފެދެނީ މިފަދަ ކަންތައްތައް ވާތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް