ކުރީގެ މިސްޓަރު ތޯރިގް ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އެޖެންސީގައި ރާއްޖޭގެ މަންދޫބަކަށް ތޯރިގް ހަމަޖައްސަނީ
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ)ގެ ރާއްޖޭގެ މަންދޫބަކަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި ތޯރިގް އެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސަް ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ތަފްސީލު - މަޖިލިސް ޖަލްސާގައި އެ ސިޓީ މިއަދު އިއްވުމާ އެކު ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ތިމާވެށީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތޯރިގް ވަނީ ދެ ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އަދި މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ތޯރިގް މި ސަރުކާރުގެ އެންވަޔަރަމަންޓްގެ މަގާމުން އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެންމެ ފަހުން ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. އޭގެ ފަހުން ޔޫއޭއީގެ ސަފީރަކަށް ތޯރިގް އައްޔަންކޮށްފައި ވަނީ މިދިޔަ މަހު އެވެ. ތޯރިގްގެ ބަދަލަށް އެންވަޔަރަމަންޓް މިނިސްޓަރަކަށް ހަމަޖެއްސީ އަލީ ޝަރީފް އެވެ.
އައިރީނާ:
-
މިއީ މުޅި ދުނިޔޭގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް
-
މި ޖަމިއްޔާގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވުން
-
މި ޖަމިއްޔާގެ މައި މަރުކަޒު ހުންނަނީ، ތޯރިގް ސަފީރުކަން ކުރައްވާ ޔޫއޭއީގެ އަބޫދާބީގައި
-
ރާއްޖެއިން މި ޖަމިއްޔާގެ މެންބަރަކަށްވީ 2009ގައި
ކޮމެންޓް