ފާމަސީއެއްގައި މީހަކު ބޭސް ގަންނަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޭސް

ހުއްދަ ނެތި ބޭސް އެތެރެކޮށްފި ނަމަ 10،000ރ.އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތް ހަދައިފި

އާންމުން ބޭނުންކުރާ ބޭހަކީ އެ ބޭހުން ކުރަންޖެހޭ އަސަރު އެންމެ ފުރިހަމައަށް ކުރާ، ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ކަމުގައި ކަށަވަރު ކުރުމަކީ މި ގަވައިދު އެކުލަވާލި އެއް މަގުސަދު

ހުއްދަ ނެތި ރާއްޖެއަށް ބޭސް އެތެރެކޮށްފި ނަމަ، 100،000ރ.އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭހާ ބެހޭ ގަވައިދު އެކުލަވާލައި އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިދޔަ ހަފްތާ އާންމުކުރި ގަވައިދުގައި ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ވިއްކުން އަދި ގުދަންކުރުމާއި ބޭސް ނައްތާލުމާ ބެހޭ މިންގަނޑުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ތަފްސީލް - އާންމުން ބޭނުންކުރާ ބޭހަކީ، އެ ބޭހުން ކުރަންޖެހޭ އަސަރު އެންމެ ފުރިހަމައަށް ކުރާ، ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ކަމުގައި ކަށަވަރު ކުރުމަކީ މި ގަވައިދު އެކުލަވާލި އެއް މަގުސަދުކަމަށް އެމްއެފްޑީއޭން ބުންޏެވެ. މީގެ އިތުރުން، ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވާ، ހުއްދަ ނޫން ބޭހުގެ މުއާމަލާތްތައް ހުއްޓުވުމަކީ ވެސް އެ ގަވައިދު އެކުލަވާލި މަގުސަދެކެވެ.

އެ ގަވައިދު ބުނާ ގޮތުން، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުން ކުރުމަށް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ދޭ ބޭހުގެ ލިސްޓެއް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭ އެމްއެފްޑީއޭން އެކުލަވާލާ އާންމުކުރަން ޖެހެ އެވެ. އަދި މަދުވެގެން އަހަރަކު އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގައި ބުނާ ގޮތުން:

  • އެ ލިސްޓުގައި ނުހިމެނޭ ބޭހެއް އެތެރެކުރުމަކީ ނުވަތަ އެތެރެކުރަން އުޅުމަކީ މަނާކަމެއް

  • ހުއްދަ ބޭހުގެ ތެރޭ ހިމެނެނީ ޑޮކްޓަރީ ބޭހުގެ އިތުރުން އޮލްޓަނޭޓިވް ވޭސް އަދި ދިވެހި ބޭސް

  • އޮލްޓަނޭޓިވް ބޭހުގެ ރެޖިސްޓްރީގައި ނުހިމެނޭ ބޭހެއް ނުވަތަ ބޭހެއްގެ ބާވަތެއް އަދި ފަރުވާގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް

ބޭހާ ބެހޭ ގަވައިދުގެ ދަށުން ބޭސް އުފައްދާ ފަރާތްތަކާއި ބޭސް އެތެރެކުރާ ފަރާތްތައް އަދި ސަޕްލައިކުރާ ފަރާތްތަކާއި ރައްކާކޮށް ގުދަން ކުރާ ފަރާތްތަކުގެ އިތުރުން ބޭސް ހޯލްސޭލް ކުރާ ފަރާތްތަކާއި ރީޓެއިލް ކުރާ ފަރާތްތަކުގެ އިތުރުން ބޭސް ވިއްކާ ފާމަސީތަކާއި ބޭސް ވިއްކާ ފަރާތްތައް އެމްއެފްޑީއޭގައި ރެޖިސްޓްރީކޮށް ހުއްދަ ހޯދަން ޖެހެ އެވެ.

ގަވައިދުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ އެމްއެފްޑީއޭގައި ބޭސް ރަޖިސްޓްރީކޮށް، ބޭސް އެތެރެކުރުމުގެ ހުއްދަ ލިބިގެންނެވެ. އެގޮތުން:

  • ބޭސް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެއްސެއްގެ ހިއްސާ އޮންނަ ގާނޫނީ ޝަހުސަކަށް

  • ބޭހެއް އެތެރެކޮށް ވިއްކުމުގެ ހުއްދަ ދޭނީ އެ ބޭސް އުފެއްދި ކުންފުނި، އެމްއެފްޑީއޭން އިވެލުއޭޓުކޮށް އެ ކުންފުނި އެމްްއެފްޑީއޭގައި ދަފްތަރު ކުރުމަށް ފަހު

ރަޖިސްޓްރީ ކޮށްފައިވާ ބޭސް އުފައްދާ ފަރާތްތަކުގެ ދަފުތަރު، ގަވައިދަށް އަމަލުކުރަން ފަށާތާ 90 ދުވަސް ތެރޭ އެކުލަވާލައި އާންމުކުރަން ޖެހެ އެވެ.

ބޭހުގެ ފެންވަރު ދަށްވެގެން ނުވަތަ ރައްކާތެރިކަން ކުޑަވެގެން ބޭސް ރިކޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ ބޭހުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ފެންމަތިވެއްޖެ ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން ބޭސް އުފެއްދި ކުންފުނި ބްލެކްލިސްޓު ކުރުމުގެ ނުވަތަ ސަސްޕެންޑު ކުރުމުގެ އިހުތިޔާރު ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެ އެވެ.

އެމްއެފްޑީއޭގައި ރަޖިސްޓްރީ ނުކުރާ ފަރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައި ނުވާ ބޭސް އުފައްދާ ކުންފުންޏެއްގެ ބޭސް ރާއްޖެ އެތެރެކުރުމަކީ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.

ގަވައިދު ބުނާ ގޮތުން، ބިދޭސީ ފާމަސިސްޓަކު ބޭސްފިހާރައިގައި މަސައްކަތްކުރާ ނަމަ، އެމްއެފްޑީއޭން ދޫކުރާ ދިވެހިބަސް ދަންނަކަމުގެ ލިޔުން އޮންނަން ޖެހެ އެވެ. އަދި އެފަދަ ލިޔުމެއް ނެތް ނަމަ، ތަރުޖަމާކޮށްދެވޭނެ އިތުރު މީހަކު ހުންނަންވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ވަކި ކަމެއް ކުރަން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކުރާ ކަމެއްގެ ކުޑަބޮޑު މިނަށް ބަލާ ފިޔަވަޅު އަޅާނެކަމަށް ގަވައިދުގައިވެ އެވެ. އެގޮތުން:

  • ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމާ އެކު އެކަމެއް އިސްލާހު ކުރުމަށް މުދައްތެއް ދޭނެ

  • 10،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ

  • ދޫކޮށްފައިވާ ހުއްދަ 14 ދުވަހާއި 1 އަހަރުދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފަހައްޓާނެ

  • ގަވައިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ/ލައިސަންސް ބާތިލްކުރާނެ

މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ގަވައިދަށް އަމަލު ކުރަން ފަށާނީ ގަވައިދު އާންމުކުރިތާ 90 ދުވަސް ފަހުންނެވެ.

ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ ހުއްދަ ހޯދައިފައިވާ ތަންތަނާއި ބޭސް، ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ނަމަ އެއީ އާ ގަވައިދުގެ ދަށުން ހުއްދަ ދީފައިވާ ތަންތަނާއި ބޭސް ކަމުގައި ބެލެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް