ޖަޕާނު ސަރުކާރުގެ އެހީގައި ގާއިމްކުރި މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ހުޅުވުން (ފޮޓޯ/ރައީސް އޮފީސް)
ޖަޕާނުގެ އެހީގައި ތަރައްގީކުރި މެރިޓައިމް ރެސްކިޔު ސެންޓަރު ހުޅުވައިފި
ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ކޯޑިނޭޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - މި ސެންޓަރަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރާނެ މައި މަރުކަޒެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުދަތުރުފަތުރު ކުރުމުގައި ދިމާވާ އެކި ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ މުދަލަށް ގެއްލުންވެފައިވާ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކޮށް އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަން ވެސް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަ ކުރެއްވި އެވެ.
"މިއަދު މި ހުޅުވިގެންދާ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތަކީ މި ހިދުމަތް ފޯރުކޮށްދިނުމަށް ލިބިގެންދާނެ ޒަމާނީ ވަސީލަތްތަކާ އެކު ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" ހިލްމީ ވިދާޅުވި އެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި 2022 ވަނަ އަހަރު މަސައްކަތް ފެށި އިމާރާތް ނިންމައި ރަސްމީކޮށް ހުޅުވި އިރު، ކަނޑާއި ވައިގެ މަގުން ހިނގާ ހާދިސާތައް ވިލަރެސް ކުރުމަށް ޒަމާނީ އޮޕަރޭޝަން ރޫމެއް ގާއިމްކޮށްފައިވެ އެވެ. އަދި ތަމްރީނުތަކަށް ހާއްސަ ކްލާސްރޫމާއި އޮޑިޓޯރިއަމް ވެސް ގާއިމްކޮށްފައިވެ އެވެ.
މި ސެންޓަރުގެ މަސައްކަތް ޔޫއެންއޯޑީސީން ވިލަރެސްކުރި އިރު، ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮމެންޓް