'ދައުރު'ގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަލީ ނިޝާން)
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅު ބޭފުޅެއް ކަމަށް ރައީސް ވިދާޅުވެއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އާހިދަކީ ކުރީ ސަރުކާރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި "އޯޑަރު އަންނަނީ" ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ.
ތަފްސީލް - ރައީސް އެގޮތަށް ވިދާޅުވީ އާރުޓީއައި ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭ މައުލޫމާތުގެ %100 މި ސަރުކާރުގެ ވުޒާރާތަކުން ހާމަކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވަނިކޮށެވެ. އަދި ސަރުކާރުން ފުރިހަމައަށް ކަންތައް ތަންފީޒު ނުކުރާ ނަމަ އިދިކޮޅު ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން އާހިދު އެ ގޮތަށް ވިދާޅު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އިންފޮމޭޝަން ކޮމިޝަނަރަށް އޯޑަރު އަންނަ ކަމަށް ރައީސް މިއަދު ތުހުމަތު ކުރެއްވި
— Dhauru (@Dhaurunews) July 26, 2026
އިތުރަށް ކިޔާލަން: https://t.co/9qJ0DiZJXM pic.twitter.com/W2lHtlN29J
ނަމަވެސް ރައީސް މުއިއްޒު އާހިދާ ދޭތެރޭ ހިތްހަމަނުޖެހިގެން ވާހަކަ ދެއްްކެވީ އެތައް ފަހަރަކު އެންގުމުން ވެސް ރައީސް އޮފީހުން މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަަނަރުގެ އޮފީހުން މިދިޔަ މަހު ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފައިވާތީ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގުޑް ގަވަނަންސް އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމަށާއި ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން، ހާމަކުރަން ޖެހޭ މައުލޫމާތުގެ %100 މި ސަރުކާރުގައި ހާމަކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވެސް އިއުލާނުކުރައްވާފައިވާ ކަމަށެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، މިހާ ދެފުށް ފެންނަ ގޮތެއްގައި އަޅުގަނޑުމެން ސަރުކާރު ހިންގަނީ،" ރައީސް ވިދާޅުވި އެވެ.
ހާމަކުރަން ޖެހޭ މައުލޫމާތުގެ %100 ހާމަ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުން ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާރުޓީއައިތަކަށް ޖަވާބުދީ، ނޫސްކޮންފަރެންސްތައް ބާއްވާ މީޑިއާ އާ ގާތް ގުޅުމެއް ބޭއްވުމަށް ސަރުކާރުން މިސާލު ދައްކަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި - ރައީސް އޮފީހަށްދޭ މުއްދަތުތަކުގެ ތެރޭގައި މައުލޫމާތު ނުދޭތީ ކިތަންމެ ފަހަރަކު އައިކޮމުން އިންޒާރު ދީފައި ވެސްވެ އެވެ. ބައެއް މައްސަލަތަކުގައި، ފަހު ފުރުސަތު ދިނުމަށް ފަހު ދެން ވެސް މައުލޫމާތު ނުދޭ ނަމަ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް އައިކޮމުން ބުނެފައިވެ އެވެ.
ކޮމެންޓް