މިނިވަން ދުވަހުގެ ޖަލްސާގައި މިއަދު ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ހުރިހާ ގައުމަކާ ވެސް ގުޅުން ބާއްވާނަން، އިޒްރޭލު ފިޔަވާ: ރައީސް
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި އޮތީ ހުރިހާ ގައުމަކާ ވެސް އެކުވެރިކަން ބަދަހިކޮށް، އެކުގައި ކުރިއަށް ދާ ގޮތަށް ކަމަށާއި އެކަމަކު އެ ލިސްޓުގައި އިޒްރޭލު ނުހިމެނޭކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ފާހަގަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ، 'ދިވެހިންނަށް މިނިވަންކަން އޮވެ، ރާއްޖެއަށް ރަނގަޅު ގޮތް މެދުވެރިވާނެ' އަދި އެ ވިސްނުމުގައި ތިބި ހުރިހާ ގައުމުތަކާއެކު ވެސް ގުޅުން ބަދަހި ކުރުމަށެވެ.
"އެހެންވެ، ރާއްޖެއިން ގުޅުން ބާއްވާނެ ދުނިޔޭގެ ހުރިހާ ގައުމަކާ ވެސް. އިޒްރޭލު ފިޔަވާ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އިޒްރޭލު ބަލައިނުގަންނާނެ ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ، ފަލަސްތީނާ މެދު ދިވެހިން އޮތް ހިތުގެ ގާތްކަމާއި ލޯތްބާއި އެ މީހުންނަށް އިޒްރޭލުން ދެމުންދާ އަނިޔާވެރިކަމެވެ. އަދި އިޒްރޭލުން އެ ގަތުލުއާއްމު ހިންގާހާ ހިނދަކު އަދި ރާއްޖޭގެ މި ހާރިޖީ ސިޔާސަތު އޮތްހާ ހިނދަކު އެ ގައުމު ބަލައިނުގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން، މި ރީތި ފަސްގަނޑަށް، މޫދުތަކުގެ ރީތިކަން ލިބިގަތުމުގެ ބޭނުމުގައި އިޒްރޭލުގެ ޕާސްޕޯޓުގައި މި ގައުމަށް ނާދެވޭ ގޮތަށް ނިންމީ ފަހުރުވެރިކަމާއެކުގައި. އަދި އެކަން ދަމަހައްޓާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ އެކަމުގައި އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
އެމްޑީޕީގެ ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނީ 'ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީ'އެއް
-
އެ ސަރުކާރުތަކުން އޮތީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ދުރުވެގަނެ، ގުޅުންކުޑަކޮށްފައި
-
މިއީ ރާއްޖެއާ ދޯޅަނޫން، ބީރައްޓެހި ސިޔާސަތެއް ކަމަށް ވިދާޅުވި
"އަޅުގަނޑުމެން އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެއަށް ފައިދާ ކުރާނެ އެހެން ގައުމުތައް، އެއީ ކައިރީގައި ވިޔަސް އަދި ދުރުގައި ވިޔަސް، އެއީ ކުޑަ ގައުމަކަށް ވިޔަސް، ބޮޑު ގައުމަކަށް ވިޔަސް ގުޅުން ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.
އެ ސިޔާސަތަށް އެ މަނިކުފާނު ދެއްވީ 'މޯލްޑިވްސް ފަސްޓް ޕޮލިސީ'ގެ ނަމެވެ.
ރައީސް ވިދާޅުވީ އެކި ސަރުކާރުތަކުން އެކި ކަހަލަ ފޮރިން ޕޮލިސީތައް ގެންގުޅެފައިވާ ކަަމަށާއި އެހެން ބައެއްގެ އަތްދަށުގައި ނުވަތަ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން އޮތް ދުވަސްތަކެއް ވެސް ދިޔަ ކަމަށެވެ. އެކަމަކު މި 'ގޮނޑިކޮއްކޮ' ހާރިޖީ ސިޔާސަތަކީ ރާއްޖެއަށް އޮތް ހެޔޮގޮތް ނޫން ކަމަށާއި 'ދިވެހީންގެ ރާއްޖެ'އިން އިސްކުރާނީ ދިވެހިންގެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް