ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންނެވި ޑރ. މުހައްމަދު ލަތީފަށް، އެކަމުގެ އެވޯޑު ރައީސް މުހައްމަދު މުއިއްޒު މިއަދު އަރުވަނީ. (ފޮޓޯ/ރައީސް އޮފީސް)
ނިޝާން އިއްޒުއްދީންގެ ލަގަބު 4 ބޭފުޅަކަށް އަރުވައިފި
ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ހަތަރު ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޝަރަފު އެރުވީ:
-
ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. މުހައްމަދު ލަތީފް
-
ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތް ކުރެއްވި އިބްރާހީމް ރަޝީދު މޫސާ
-
ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސެން އަފީފް
-
ޓޫރިޒަމްގެ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)
ލަތީފްގެ ތައުލީމީ ގިނަ ހިދުމަތްތަކެއް
އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ލަތީފް ވަނީ ތައުލީމީ ދާއިރާގައި 40 އަހަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން އޭނާ ވަނީ އެ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށް ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެންނަވާފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ހާރިޖީ ދާއިރާއަށް ވެސް ހިދުމަތްތަކެއް ކުރެއްވި އެވެ.
ލަތީފްގެ ބައެއް ހިދުމަތްތަކުގެ ތެރޭގައި:
-
ކިޔަވައިދިނުމުގެ މަންހަޖު އެކުލަވާލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ހާއްސަ މަރުކަޒު، 'އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު' އުފެއްދެވި
-
'މުދައްރިސުންގެ ތައުލީމީ މަރުކަޒު' އަދި 'މޯލްޑިވްސް ސެންޓަ ފޮ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން' ތަރައްގީ ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވިި
-
ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވި
-
މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި
-
ސިވިލް ސާވިސް ކޮމިޝަން އުފެއްދެވުމުގައި ބައިވެރިވެރި ވަޑައިގެންނެވި އަދި އެ ކޮމިޝަނުގެ މެމްބަރުކަމާއި ރައީސްކަން ކުރެއްވި
-
އެންމެ ފަހުން ހުންނެވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުގައި
ދީނީ ތައުލީމު ފުޅާކުރެއްވުމުގައި އިބްރާހިމް ރަޝީދުގެ ހިދުމަތްތައް ގިނަ
އަޒްހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވުމަށް ފަހު، ރާއްޖެ ވަޑައިގެން، އިބްރާހިމް ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު ޓީޗަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާގެ ގިނަ ހިދުމަތްތަކެއް ތައުލީމާއި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމަށް ވަނީ ފެނިވަޑައިގެންފަ އެވެ.
އިބްރާހިމް ރަޝީދުގެ ބައެއް ހިދުމަތްތަކުގެ ތެރޭގައި:
-
މައުހަދުއްދިރާސާތުލް އިސްލާމިއްޔާ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އަދި ފަހުން އެތަނުގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި
-
ފަށާ ތައުލީމުން ފެށިގެން މަތީ ސާނަވީ ތައުލީމާ ހަމައަށް އަރަބި ބަހުން ކިޔަވައިދިނުން ފުޅާކުރެއްވި
-
ދީނީ 11 ފޮތެއް ތަރުޖަމާ ކުރެއްވި އަދި ތަސްނީފު ކުރައްވައި ޝާއިއު ކުރެއްވި ފޮތްތަކުގެ އަދަދު 50އަށް ވުރެ ގިނަ
-
'ގުރްއާން ކިޔަވަން ދަސްކުރަމާތޯ'ގެ ނަމުގައި 365 އެޕިސޯޑުގެ ޕްރޮގްރާމަކާއި 'ގުރްއާނާއި ސައެންސް'ގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް އަޑުން ގެނެސްދެއްވި
-
ޓީވީއެމުން ގެނެސްދޭ މުހައްމަދު ރަސޫލުﷲ ސިލްސިލާ ޕްރޮގްރާމްގެ ހުރިހާ ބައެއް ވެސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވީ އޭނާ
-
އެންމެ ފަހުން ހުންނެވީ ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައި
ޝަރަފްވެރި ހާއްސަ ލަގަބު، ޗަމްޕާގެ ދެބެންނަށް
ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅުން، ނިޝާން އިއްޒުއްދީންގެ ޝަރަފްގެ ލަގަބު މިއަދު ދެން ހޯއްދެވި ދެ ބޭފުޅުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ ބާނީން ކަމުގައިވާ ޗަމްޕާ ހުސެން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ދެ ބޭފުޅުންނަށް ލަގަބު އެރުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާއި ދެމެހެއްޓުމުގައި ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.
ހުސެން އަފީފުގެ ބައެއް ހިދުމަތްތަކުގެ ތެރޭގައި:
-
ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި އިރު، އޭނާގެ ހިދުމަތްތައް އޭރު 'ބަދިގެން ފެށިގެން ޓުއާ ގުރޫޕުތަކުން' ފެނިވަޑައިގެންނެވި
-
ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ ވިލެޖް ހެދުމުގައި ބައިވެރިވެވަޑައިގެންނެވި
-
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި؛ އޭނާއަކީ މިހާރު އެ ޖަމިއްޔާގެ ޗެއާމަން
-
ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެއްވުމަށް، މާލީ ގޮތުން މަސައްކަތް ކުރެއްވި
-
އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ޗެއިން ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެއް ހިއްސާދާރު
-
ޓޫރިޒަމް ދާއިރާއިން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި؛ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ މަގާމާއި ނިޝާން މުލީގެ ޝަރަފްގެ އިއްޒަތް ވެސް މީގެ ކުރިން ވަނީ ލިބިވަޑައިގެންފައި
ޗަމްޕާ މުހައްމަދު މޫސާގެ ބައެއް ހިދުމަތްތަކުގެ ތެރޭގައި:
-
ވަރަށް ޒުވާން އުމުރުން ފެއްޓިގެން، ވިޔަފާރީގެ މައިދާނަށް ނުކުންނެވި
-
އިންޑިއާގައި ތައުލީމް ހާސިލް ކުރެއްވި އިރު، ހިންދީބަހާއި އުރުދޫބަސް ދަސްކުރެއްވި؛ އެއަށް ފަހު ތަފާތު މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުހާނާތަކުގައި ހިދުމަތް ކުރައްވައި އެކި މަސައްކަތްތައް ދަސްކުރެއްވި
-
ރާއްޖެ ވަޑައިގެން، މަސައްކަތްތައް ދަނޑުވެރިކަމުގެ ދާއިރާއިން ފެއްޓެވި؛ އެގޮތުން ދަނޑުވެރިކަމުގައި އެކި އުފެއްދުންތައް ބާޒާރަށް ނެރުއްވައި އެކަށީގެންވާ އަގެއް ލިބޭނެ ގޮތް ހަމަޖެއްސެވި
-
މިހާރު ވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިތަކަށާއި އާއްމުންނަށް ފޯރުކޮށްދިނުމަށް 'ޗަމްޕާ ހޯލްސޭލް' ވިޔަފާރި ގާއިމުކުރެއްވި
-
ނޫސްވެރިކަމުގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް، 'ދިއެފްއެމް' އާއި 'ދިޓީވީ' އުފެއްދެވި
-
އާއިލީ ފައުންޑޭޝަން، 'އަލިފުޅު ތުއްތު ފައުންޑޭޝަނު'ން ސްކޮލަޝިޕްތައް ދޭ
-
އާއިލީ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތެރޭގައި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓް ގާއިމްކުރުން ހިމެނޭ
-
ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް، 'މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ' އާއި 'ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް' ގާއިމުކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި
-
މުހައްމަދު މޫސާއަށް މީގެ ކުރިން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ޓޫރިޒަމް ގޯލްޑް އެވޯޑާއި ސަޓާގެ ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް ލިބިވަޑައިގެންފައި
ކޮމެންޓް