މާލެ ބޭރު މަގު، އެމްއެމްއޭ ބަނދަރު ސަރަހައްދުގައި އާންމުން އެއް ލޯންޗުން އަނެއް ލޯންޗަށް އަރާފައިބަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

1 ލޯންޗުން އަނެއް ލޯންޗަށް އެރުން ނިމުމަކަށް ގެންނާނެ ބަދަލުތަކެއް ރައީސް ހާމަކުރައްވައިފި

ބައެއް ޑިޒައިން ކުރެހުމާއި އެނިމޭޓެޑް ވީޑިއޯތައް ހިއްސާ ކުރައްވައި ރައީސްް ވިދާޅުވި ގޮތުގައި، މި ބަދަލުތައް އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ގެނެވޭނެ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ސެގްމެންޓް ކަމުގައިވާ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ނިންމާލިއިރު ވެސް އާންމުންގެ އެއް ފާޑުކިޔުން ސަރުކާރަށް އޮތެވެ. އެއީ، މަގު ފުޅާކޮށް، ބަނދަރު ތަރައްގީކޮށް ނިންމިއިރު ވެސް އެއް ލޯންޗުން އަނެއް ލޯންޗަށް އަރާފައިބަން ޖެހޭ ގޮތަށް އޮތް ތަކުލީފަށް ނިމުމެއް ނައުމެވެ.

އަދިވެސް އެމްއެމްއޭ ކުރިމަތީ ބަނދަރަށް ލޯންޗުތައް ކައިރިކުރާއިރު، މީހުން މާލެއަށް ފައިބަން ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗަށެވެ. 

ނަމަވެސް މި ތަކުލީފަށް ނިމުމެއް އަންނާނެ ބައެއް ބަދަލުތަކެއް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ހާމަކުރައްވާފަ އެވެ.

އެ ބަދަލުތައް ހަގީގަތަކަށްވެއްޖެ ނަމަ، މިހާރު އެމްއެމްއޭ ކުރިމަތިން އެ ފެންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން މާލެއަށް ފައިބަން ޖެހޭ ގޮތަށް އޮތް ތަކުލީފަށް ނިމުމެއް އަންނާނެ އެވެ.

ރައީސް މިއަދު އެކްސްގައި ވަނީ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވާފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އެ ބަދަލުތަކީ، މާލެ އުތުރު ފަރާތުގެ ބަނދަރުން، ބޭރު މަގު ހިމެނޭ ސަރައްހަދުގެ ނުނިމި ހުރި މަސައްކަތްތަކެވެ. އަދި ބާކީ ހަދަން ފަށަން އޮތް އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރު މަގަށް ގެންނަން ހުރި ބަދަލުތަކެވެ.

"ބާކީ މި ހުރި މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ހިއްސާ ކުރެއްވި ކުރެހުންތަކުން ފެންނަ ގޮތުގައި، އެމެއެމްއޭ ކުރިމަތީ ޖެޓީގައި މިހާރު ލޯންޗު އެޅުމަށް އޮންނަ ގޮތަށް ވުރެ ފަސޭހަ ގޮތްތަކެއް މީހުން އަރާފޭބުމަށް ހަދާނެ އެވެ. އެގޮތުން:

  • އެ ސަރައްހަދުގައި އިތުރު ތިން ކުޑަ ފާލަމެއް، ލޯންޗު ކައިރި ކުރެވޭ ގޮތަށް ހަދާ ގޮތަށް ދައްކާފައިވޭ

  • އެއިން ކޮންމެ ފާލަމެއްގެ ދެ ފަޅިން ކޮންމެ ފަޅިއަކަށް ފަސް ލޯންޗު ކައިރިކޮށްލެވޭ ގޮތަށް ކުރެހުމުން ފެނޭ؛ ޖުމްލަ މި ތިން ފާލަމަށް އެއް ވަގުތެއްގައި 30 ލޯންޗު ކައިރިކޮށްލެވޭނެ އަދި މީހުންނަށް ފަސޭހައިން އަރާފޭބޭނެ

ރައީސް ހާމަ ކުރެއްވި އެމްއެމްއޭ ކުރިމަތީ އޮންނަ ޖެޓީ މަތިން ފެންނަ ޑިޒައިން ކުރެހުމެއް.
އެމްއެމްއޭ ކުރިމަތީ ޖެޓީގައި ހަދާ ކުޑަ ފާލަމުގެ ނަމޫނާ.

ރައީސް ހާމަ ކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، މަސްވެރިންގެ ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ޖެޓީގައި ވެސް އެފަދަ ތިން ފާލަމެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ތިން ފާލަމުގައި ދެ ފަޅީގައި އެއް ވަގުތެއްގައި 18 ލޯންޗު ކައިރި ކުރެވޭ ގޮތަށް އޮތްކަން ވީޑިއޯއިން ފެނެ އެވެ.

ބޭރު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އެންމެ ފަހުން ތަރައްގީ ކުރި ބައި އިއްޔެ ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

ދެން އޮތީ މި މަސައްކަތުގެ އެމްޕީއެލް ސަރަހައްދު ބައެވެ.

މި މަޝްރޫއޫގެ ދެވަނަ ސެގްމެންޓް ކަމަށްވާ، މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށް ނިންމައި މިދިޔަ ފެބްރުއަރީ މަހު ވަނީ ނިންމާލާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް