އަނިޔާވެރިކޮށް މަރާލާފައި އޮއްވާ 2022ވަނަ އަހަރު ފެނުނު ޝިއާއުގެ މަރުގެ ތުހުމަތުގައި ކުށުގެ ވެށިން މި މައްސަލާގައި ދައުވާކޮށްފައިވާ އަލީ ސާހިލް ހައްޔަރުކޮށްގެން ގެންދަނީ (ސަން ފޮޓޯ/މުހައްމަދު ހައްޔާން)
ސާހިލަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް މިފަހަރު ވެސް ބަލައެއްނުގަތް
ވަރަށް އަނިޔާވެރިކޮށް ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ސާހިލްގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިނުގަނެ ދެވަނަ ފަހަރަށް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، ވަރަށް ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ސާހިލް، ފިނިފެންމާގެ/ފ. ނިލަންދޫ، ކުށުގެ ވެށިން ހައްޔަރުކުރި އެވެ.
ޝިއާއު މަރާލި މައްސަލާގައި ސާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
-
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން
-
އޮރިޔާން ކާޑު ގެންގުޅުން
-
ކެނަބިސް ބޭނުންކުރުން
-
ސިއްރުކޮށްފައިވާ ދެ ދައުވާއެއް
މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، މިދިޔަ އެޕްރީލް މަހު އޭނާގެ މައްޗަށް ވަނީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ތަފްސީލް - މި ހުކުމް އިސްތިއުނާފް ކުރަން ސާހިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މިއީ ދެވަނަ ފަހަރެވެ.
އެ އިސްތިއުނާފް ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާ މިފަހަރު ނިންމި ސަބަބެއް ކަމަށް ބުނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ތަފްސީލުތަކަށް ބަލާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފްކުރަން ފުދޭ ހާލަތްތަކެއް ބަޔާންކޮށްފައިނުވުމެވެ. އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ގާނޫނީ ބަހުސެއް ވެސް އެ މައްސަލާގައި ސާހިލުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގަައިވެ އެވެ.
މީގެ ކުރިން ސާހިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަތީ، ލިޔެކިއުންތައް ފުރިހަމަނުވެގެންނެވެ.
އެނގުން މުހިންމު - ސާހިލްގެ މައްޗަށް ބާކީ ހުރި ދައުވާތަކުގެ ޝަރީއަތް މިވަގުތު އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާގަ އެވެ. މި އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އެއްވެސް ދައުވާއަކަށް ސާހިލް އިއުތިރާފުވެފައެއްނުވެ އެވެ. މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ފުރަތަމަކޮޅުގައި އޭނާގެ ވަކީލުންނާ ވެސް އެއްވެސް ވަރަކަށް ވާހަަކަ ނުދައްކައިގެންނެވެ.
ދައުލަތުން އެކި ފަހަރުމަތިން ވަކީލުން ހަމަޖައްސައިދިން ނަމަވެސް ސާހިލްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭތީ އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން ފަހުން ނިންމި އެވެ.
ކޮމެންޓް