ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް އެމްބީއެސްގައި ފެށުން
ހަދިޔާ ކުރާ ލޭގައި ހުރެދާނެ ބަލިތައް އަވަހަށް ދެނެގަނެވޭނެ ޓެސްޓު އެމްބީއެސްގައި ފަށައިފި
ހަދިޔާ ކުރާ ލޭގައި ހުރެދާނެ ބަލިތައް ދެނެގަތުމަށް ހަދާ ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގައި މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މޯލްޑިވްސް ބްލަސް ސާވިސްގައި ފެށި ހިދުމަތާ ގުޅޭ ގޮތުން ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަކަށް ގެންދިޔުމުގައި ހާސިލްވި މުހިއްމު ކާމިޔާބީއެއް ކަމަށެވެ.
ތަފްސީލް - ނިއުކްލިއިކް އެސިޑް ޓެސްޓިންއަކީ ހަދިޔާ ކުރާ ލޭގައި ހުރެދާނެ ހެޕިޓައިޓިސް ބީ، އެޗްއައިވީ އަދި ހެޕިޓައިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށް ވުރެ އެތައް ގުނައެއް ހަލުވިކޮށް ޔަގީންކަމާ އެކު ދެނެގަނެ ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކެވެ.
މިއީ ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކާ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ފެށުމުގެ ގޮތުގައި ހަލީމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރުމަކީ ލޭގެ ހިދުމަތުުގެ ގައުމީ މިންގަނޑުތަކާއި މޯލްޑިވްސް ތެލެސީމިއާ މާސްޓާ ޕްލޭން 2024–2034ގައި ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓް