އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ ސިޔާސަތުތައް: ރާއްޖެއަށް ކޮން އަސަރެއް؟

ކަނޑުގެ ސަރަހައްދުގެ މައްސަލަތަކާއި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އިނގިރޭސިވިލާތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މިއީ ލިބޭ ފުރުސަތެއް
1 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ގައުމުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވަނީ ފައްޓަވައިފަ އެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ އިގްތިސާދާއި ތައުލީމާ އަދި ތިމާވެށީގެ ދާއިރާގައި މުހިންމު ބައިވެރިއަކަށް ވުމުން، މި ބަދަލުތަކުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެއަށް ކުރާނެ އެވެ.

ފަތުރުވެރިކަމާއި ވިޔަފާރި

ބޮޑުވަޒީރު ބާންހަމްގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އިނގިރޭސި ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމެވެ. މިގޮތުން، ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ކަރަންޓު ބިލުތަކުން ނަގާ ޓެކްސް، ވެޓް ކަނޑާލައްވައިފަ އެވެ.

އެ ބަދަލުގެ ސަބަބުން އިނގިރޭސި ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ޗުއްޓީ ހޭދަކުރުން ފަދަ ކަންކަމަށް އިނގިރޭސި ރައްޔިތުންގެ އަތުގައި ހުންނަ ފައިސާ އިތުރުވާނެ އެވެ. އޭގެ ސަބަބުން ރާއްޖެއަށް އަންނަ އިނގިރޭސި ޓޫރިސްޓުންގެ އަދަދު އިތުރުވުމަށް މަގުފަހިވާނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި އިނގިރޭސި ޓޫރިސްޓުންގެ ހިއްސާ ބޮޑެވެ. އެގޮތުން:

  • ތިން ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތް؛ އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %8.1 

މީގެ އިތުރުން، ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތަކަށް ވެސް އާ ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އާ ބޮޑުވަޒީރު އެންޑީ ބާންހަމްގެ ސިޔާސަތަކީ ގިނަ ގައުމުތަކާ ވިޔަފާރީގެ ގުޅުންތައް ގާއިމްކުރުމެވެ. 

އެންޑީ ބާންހަމް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެން ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)

ތިމާވެއްޓާއި މޫސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިނގިރޭސިވިލާތަކީ އަބަދު ވެސް ބޮޑު އެހީތެރިއެކެވެ. ރާއްޖޭގެ ރަށްތަކުގައި ސޯލާ-ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމާއި، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމުގައި އިނގިރޭސިވިލާތުގެ ފަންނީ އެހީތެރިކަން މަދުކުރާނޭ ކަމަކަށް ނުބެލެވެ އެވެ. 

ބާންހަމްގެ ސަރުކާރުން 'ލޮސް އެންޑް ޑެމޭޖް' ފަންޑަށް އެހީތެރިކަން ދިނުމުގައި ގެންގުޅޭ ސިޔާސަތަކީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެކެވެ.

ސަރަހައްދީ ސަލާމަތާއި ޗާގޯސް މައްސަލަ

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން ތަމްރީނުކުރުމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެ ސިޔާސަތަކަށް ބަދަލުތަކެއް އައިސްދާނޭ ކަމަކަށް ނުބެލެވެ އެވެ. 

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމްގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން. (ފޮޓޯ/ރޮއިޓާސް)

ޗާގޯސް ޖަޒީރާގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް ކުރިން ނިންމާފައި އޮތް ނިންމުން އިނގިރޭސި ސަރުކާރުން މަޑުޖައްސާލާފައި އޮތުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ވަނީ އިނގިރޭސިވިލާތާ އެކު މަޝްވަރާތަކެއް ކުރުމަށް ހުށަހަޅާފަ އެވެ. އާ ބޮޑުވަޒީރުގެ ސިޔާސަތު އެކަމާ ގުޅޭ ގޮތުން އަދި ސާފެއް ނުވެ އެވެ.

 ޗާގޯސް.

މަތީ ތައުލީމުގެ ފުރުސަތުތައް

ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް އިނގިރޭސިވިލާތުންދޭ ކޮމަންވެލްތު އަދި ޗީވްނިން ސްކޮލަޝިޕްތައް އާ ސަރުކާރުން ވެސް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުންނަށް އިނގިރޭސިވިލާތަށް ދިއުމުގައި ވިސާގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ މަޝްވަރާތައް ވެސް ދަނީ ހިނގަމުންނެވެ. އާ ސަރުކާރާ އެކު މި މަޝްވަރާތަކަށް ކުރިއެރުން ހޯދަން ފުރުސަތު ލިބޭނެ އެވެ. 

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ ދާހިލީ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އަސަރެއް ކުރުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެއާ އެކު، ކަނޑުގެ ސަރަހައްދުގެ މައްސަލަތަކާއި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އިނގިރޭސިވިލާތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މިއީ ލިބޭ ފުރުސަތެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް