ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އަމީން (ފޮޓޯ/ރައީސް އޮފީސް)
ހެލިކޮޕްޓަރު ދުއްވާނެ ބަޔަކު ލިބި، މަސައްކަތް ހަވާލުކުރަނީ
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު މިހާރު ލިބިފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އެކަމަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން، ތިން ފަހަރު މަތިން ވަނީ އިއުލާނުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް ބަލާ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ
"އަޅުގަނޑުމެން މި ބަލަނީ އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް. އެއާއެކު ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވައިދުގެ ދަށުން، އެ ބަޔަކަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ،" އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން، ކޮމާޝަލް ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހިންގާނެ އެވެ.
އަދި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ވެސް ލިބޭނެ ކަމަށް ބުނެފައި ވެ އެވެ.މިދިޔަ އަހަރުގެ އޮގަސްޓު އަދި ޑިސެމްބަރުގެ ތެރޭގައި ވެސް ޓްރާންސްޕޯޓުން އެކަމަށް އިއުލާންކުރި ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު ހޮވާފައެއް ނުވެ އެވެ.
ކޮމެންޓް