ހިމަބިހިން ދިފާއުވާން ޖަހާ އެމްއެމްއާރު ވެކްސިން.

ހިމަބިހި

ހިމަބިހި ޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ، އިތުރު 22 މީހަކަށް ޖެހިއްޖެ

ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 166އަށް އަރާފައި
3 ގަޑިއިރު ކުރިން

މިދިޔަ ހަފުތާ ތެރޭގައި އިތުރު 22 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. އެއާއެކު އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 166އަށް އަރާފަ އެވެ.

ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފަށައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ބަލީގައި އެކަކު ވަނީ މަރުވެފަ އެވެ.

ހިމަބިހީގެ ތަފާސްހިސާބު ކޮންމެ ހަފުތާއަކު އެޗްޕީއޭއިން އާއްމު ކުރާއިރު އެއިން ފެންނަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދުނުވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި 22 މީހަކަށް ބަލި ޖެހުނު އިރު އޭގެ ކުރީ ހަފުތާގައި 23 މީހަކަށް ބަލި ޖެހުނެވެ.

ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވެކްސިން ދޭން ފަށާފަ އެވެ. އެޗްޕީއޭން މިއަދު ބުނި ގޮތުގައި، މިހާތަނަށް 9،000އަށް ވުރެ ގިނަ މީހަކަށް މި ވެކްސިން ވަނީ ދީފަ އެވެ.

ފަސޭހައިން ޖެހޭ ނުރައްކާތެރި ބައްޔެއް

ބަލީގެ އަލާމާތެއްގެ ގޮތުގައި ރަތްކުލައިގެ ކުދި ބިހިތަކެއް ގައިން ފެނުނު ނަމަވެސް، އެޗްޕީއޭއިން ބުނިގޮތުގައި މި ބަލިން ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ.

އެގޮތުން:

  • ސިކުނޑިއަށް އަސަރުކުރޭ

  • ނޭވާލާން އުނދަގޫވޭ، ނުވަތަ ނިއުމޯނިޔާއަށް މަގުފަހިވޭ

  • އާދަޔާހިލާފަށް ބޭރަށް ހިންގައި، ހަށިގަނޑުން ފެންމަދުވޭ

  • ލޯއަނދިރިވޭ

  • ކަންފަތުގެ އިންފެކްޝަނުގެ ސަބަބުން ބީރުވެދާނެ

އެޗްޕީއޭއިން ބުނީ މި ބަލި ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ކަމަށެވެ. އަދި އޭގެ ސަބަބުން އިތުރު ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް އެތަނުން ބުންޏެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅަކީ ވެކްސިން ޖެހުމެވެ. އެހެންވެ، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވީހާވެސް ގިނަ ބަޔަކު ފުރިހަމަ ކުރުމަށް އެތަނުން އެދެ އެވެ.

އެޗްޕީއޭގެ އިލްތިމާސަކީ:

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

  • ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް