މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުމުގެ ތެރެއިން (ފައިލް ފޮޓޯ/ނައުޝަމް ވަހީދު)

އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަަރީ އޮންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު

ރިޔާސީ އިންތިހާބުގެ އެއް އަހަރު ކުރިން ޕްރައިމަރީ ބޭއްވުމަކީ ޕާޓީއަށް އޮތް ފައިދާއެއް ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ދެކެވަޑައިގަންނަވާ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން 2028ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިިމަރީ ބާއްވާނީ އަންނަ އަހަރު ކަމަށް ބެލެވިއްޖެ އެވެ.

ވީ ކިހިނެއް؟ - އެންމެ ފަހުން 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވީ އެ އަހަރުގެ ފެބްރުއަރީގަ އެވެ. ނަމަވެސް މިފަހަރު ޕާޓީގެ ބައެއް އިސް ފަރާތްތަކުގެ ވިސްނުން ހުރީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިހާބުގެ އެއް އަހަރު ކުރިން ޕްރައިމަރީ ބޭއްވުމަށެވެ.

ތަފްސީލު - ރިޔާސީ އިންތިހާބަށް އަދި ދެ އަހަރާއި ދެ މަހެއްހާ ދުވަސް އެބަ އޮތެވެ. އެމްޑީޕީން އަދި މިހާތަނަށް ރަސްމީކޮށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ތާރީހެއް ނުނިންމަ އެވެ.

އެމްޑީޕީން އަދި ރަސްމީކޮށް ވަކި ތާރީހެއް ނުނިންމި ނަމަވެސް، އެ ޕާޓީގެ އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ތާރީހެއްގައި ޕްރައިމަރީ ބޭއްވުމަށެވެ.

"ޕާޓީއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ވީހާ ވެސް އަވަހަކަށް ރިޔާސީ ކެންޑިޑޭޓެއް ދެއްކުން. އެގޮތުގެ މަތިން ބެލެވެނީ އަންނަ އަހަރު ތެރޭ ޕްރައިމަރީ ބާއްވައި ކެންޑިޑޭޓަކު ދެއްކޭނެ ކަމަށް،" އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ 61 ވަނަ މާއްދާގައިވާ ގޮތުން:

  •  ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ކަންކަން އިންތިޒާމު ކުރުމަށް ގައުމީ މަޖިލީހުން ފަސް މެންބަރުންގެ ކޮމިޓީއެއް ނަގަން ޖެހޭ

  • މީގެ ކުރިން ޕްރައިމަރީގެ ތާރީހު ކަނޑައަޅާފައިވަނީ ގައުމީ މަޖިލީހުން ނުވަތަ ޕްރައިމަރީ ބޭއްވުމަށް ގައުމީ މަޖިލީހުން ނަގާ އެ ފަސް މެންބަރުންގެ ކޮމިޓީން

އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މި މަހު 5 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިމަރީ އޮންނާނެ ތާރީހަކާ ގުޅޭ ގޮތުން އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ 'ދައުރު'ން އެ މަނިކުފާނާ ސުވާލު ކުރުމުން ވިދާޅުވީ:

  • އެ މަނިކުފާނުގެ ވިސްނުމަކަށް ވުރެ ބޮޑަށް، ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހު ނިންމަންވާނީ ޕާޓީގެ ގުނަވަންތަކުން

  • ޕާޓީއަށް އެންމެ ރަނގަޅު ގޮތް އެ ގުނަވަންތަކުން ނިންމާނެ ކަމަށް

"އަޅުގަނޑަކީ ރިޔާސަތު ބަލަހައްޓާ މީހެއް. އަޅުގަނޑަކީ އަޅުގަނޑުގެ ގޮތެއް އޮންނަން ޖެހޭނެ މީހެއް ނޫން،" ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ގިނަ ބޭފުޅުންގެ ޝައުގުވެރިކަން އެ ޕާޓީ ތެރޭގައި އެބައޮތެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ހާމަ ކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ފައްޔާޒުގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ ވެސް ޓިކެޓަށް ޝައުގުވެރިކަން އޮތް ބޭފުޅެކެވެ. އެކަމަށް މިހާރު އޭނާ ގެންދަވަނީ މަސައްކަތް ފައްޓަވައި ބައްދަލުވުންތައް ވެސް ބާއްވަވަމުންެނެވެ.

އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް، ދެން ޓިކެޓަށް ޝައުގުވެރިކަން އޮތް ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭ މޭޔަރު އަދާމް އާޒިމް އަދި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން، މި ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން އަދި މިހާތަނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނެއްނުކުރައްވަ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުން، އެ މަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދައެއްނުކުރައްވާނެ ކަމަށެވެ. ނަޝީދުގެ ތާއީދު އޮތީ ފައްޔާޒަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް