ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ހިންގި ހަމަނުޖެހުމުގެ ތެެރެއިން: އެ ހަމަނުޖެހުމުގެ ތެރެއިން ސްކޫލުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައި
ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން ނަގައިފި
ވެރިކަން ކުރާ ޕީއެންސީން އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުމެއްގައި، ކާމިލްދީދީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން ނަގައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު 11ގައި ޕީއެންސީން ބޭއްވި އިންތިހާބުގެ ވޯޓު ގުނުން، ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، ހިނގި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވި އެވެ. އަދި އެ މައްސަލައިގައި ތިން މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާ ހަދާފައިވެ އެވެ.
ތަފްސީލް - އެޑިއުކޭޝަން މިނިސްޓްރީން ޔަގީންކޮށްދިން ގޮތުގައި އެ ހަމަނުޖެހުމުގައި ސްކޫލުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން، ސްކޫލުގެ ދޮރުފަތުގެ ބިއްލޫރުގަނޑަކާއި ސައުންޑް ސިސްޓަމްގެ ދެ ގޮބަކަށް ގެއްލުންވި ކަމަށް ބުންޏެވެ.
"އެކަމުގެ ޒިންމާ ޕީއެންސީން ނަގާ. އަދި ބަދަލު ދޭނެ ކަމަށް ވެސް އަންގާފައިވަނީ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި އިންތިހާބުތަކުގައި އާއްމުކޮށް ވޯޓު ފޮށިތައް ބަހައްޓަނީ ސްކޫލުތަކުގަ އެވެ. އެކަމާ ގުޅިގެން އެކި ފަހަރު މަތިން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވެސްވެ އެވެ.
ކޮމެންޓް