ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެޗްއާރުސީއެމް ފަދަ މުއައްސަސާތަކުގެ ބޭނުމެއް ނެތް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފާރަވެރިވެ، ބަސްބުނުމުގެ ބާރު އެ މުއައްސަސާތަކަށް ލިބުނު ނަމަވެސް، މުއައްސަސާތައް އޮންނަނީ ވެރިމީހާގެ މުށުތެރޭގައި ކަމަށް
1 ގަޑިއިރު ކުރިން

ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބުމާއި އާސަންދަ ހުސްވުމާއި މެދުކެނޑުން ފަދަ ކަންކަން ދިމާވާއިރު ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަހެއް ނުބުނާ ކަމަށާއި އެހެންވެ، އެ ފަދަ ކޮމިޝަންތަކުގެ ބޭނުމާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟- ޕީއެންސީން ރޭ ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު މި ވާހަކަ ދެއްކެވީ 'މިއީ ސިޔާސީ ވާހަކައެއް ނޫން' ކަމަށް ވިދާޅުވަމުންނެވެ. ޔާމީން ވިދާޅުވީ އެޗްއާރުސީއެމުން، ރައްޔިތުންގެ ހައްގުގައި ކުރި އެންމެެ ކަމެއް ވެސް އަދި ނުފެންނަ ކަމަށާއި އެހެންވެ، މި މުއައްސަސާތަކުގެ ބޭނުމެއް ރައްޔިތުންނަށް ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އާސަންދަ ހުސްވެ މީހުން ނިކަމެތިވެ ހުރިހާ ކަމެއް ވެގެން ދާއިރު އެޗްއާރުސީއެމުން ބަހެއް ބުނާކަށް ބޭނުމެއް ނުވޭ. ސިޔާސީ މުޒާހަރާތަކާއި އެއްވުންތައް ރޫޅާލައި ކަންކަން ކުރާއިރު ބަހެއް ބުނާކަށް ބޭނުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ގޭތެރޭގައި ގެވެށި އަނިޔާއެއް ހިނގުމުން ނުވަތަ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުން އޭގެ އެސެސްމެންޓް އެޗްއާރުސީއެމުން ހަދާ

  • އެ އެސެސްމެންޓާއެކީ މައްސަލަ ފޮނުވަނީ، ފުލުހުންގެ ޖިނާއީ ތަހުގީގަކަށް

  • ކޯޓުން މައްސަލަ ނިންމަނީ އެ ތަހުގީގަށް ބިނާކޮށް ކަމަށާއި ކޯޓުގައި އެޗްއާރުސީއެމްގެ ބަހެއް ހޯދަން ޖެހޭ ހާލަތުގައި ވެސް އެ ކޮމިޝަނުން ހާޒިރު ނުވާ ކަމަށް ވިދާޅުވި

"އެހެންވެ، މި ދަންނަވަނީ. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ އެތަނުގެ ބޭނުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ފަދަ 'ބޭނުމެއް ނުހިފޭ' މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޔާމީން ދެން ފާހަގަ ކުރެއްވީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހާލަތާ ނުބައްދަލުކޮށް ފުލުހުން ބާރުގެ ބޭނުން ކުރޭތޯ ބެލުމަށް އުފައްދާފައިވާ އެ ކޮމިޝަނަކީ ވެސް އޮންނަ ތަނެއް ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

"ގާނޫނު އަސާސީ ތަސްދީގު ވުމާއެކު، އެމެރިކާ މޮޑެލަކަށް ބަލައިގެން، [އެގައުމުގައި] ހުންނަ ހުރިހާ މުއައްސަސާތަކެއް ރާއްޖޭގައި ވެސް އެބަހުރޭ. އެކަމަކު މުއައްސަސާތައް ގިނަވި އިރު، އެ މީހުންނަށް ލިބިދޭ ބާރު އިހްތިޔާރު ކުރަން ނުކެރިފައި މި އޮންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ހުރިހާ ތަނެއް އޮންނަނީ ވެރިއަކަށް ހުންނަ މީހާގެ މުށުތެރޭގަ އެވެ.

ޔާމީން ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން މިހުރިހާ މުއައްސަސާއެއް ހަދާފައި ހުރީ ރައްޔިތުންގެ މައްޗަށް ފާރަވެރިވެ، 'ވޮޗްޑޯގެއް'ގެ ގޮތުގައި ކަމަށާއި އެކަމަކު ރައްޔިތުންނާ ގުޅުން ހުރި ގިނަ ހައްގުތަކެއް ގެއްލިގެން ދާއިރު ވެސް، އެ މުއައްސަސާތަކުން އިނގިލި ކުރި ވެސް ހިއްލާނުލާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް