ކުދިން ބައިތިއްބާ މަރުކަޒު ކައިރިއަށް ރޭ ހޯރަފުށީގެ ބައެއް މީހުން އެއްވެ އަޑުގަދަކުރަނީ
ހޯރަފުށީގައި ބަންދުކޮށްފައި ތިބި ކުދިންތަކެއް ނުކުމެ، މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި
ކުށްކުރާ ކުޑަކުދިން ރިހިބިލިޓޭޓްކުުރުމަށް، ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުން ކުދިންތަކެއް ރަށުތެރެއަށް ނުކުމެ، މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ކުދިންތައް ނުކުމެގެން ގޮސް، އެ ރަށުގެ މީހަކަށް އަނިޔާކޮށް އޭނާ އެއްލާލީ ފަޅުގެއެއްގެ ތެރެއަށެވެ.
ތަފްސީލް - ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަޅުގެ ތެރޭގައި އެ މީހާ އޮއްވާ، ރަށުގެ މީހުން ނަގައިގެން އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެންދެ އެވެ. އަދި އެއާއެކު ގިނަ ބަޔަކު، އެ ކުދިން ބައިތިއްބާ މަރުކަޒު ކައިރިއަށް އެއްވެ އަޑުގަދަ ކުރާ މަންޒަރު ވެސް ފެނެ އެވެ.
އޭގެ ތެރެއިން ބައެއް ކުދިން މަރުކަޒުގެ ފާރުމަތީގައި ތިބިއިރު، އެއްވި މީހުން އެ ކުދިން ގައިގާ އަތްލުމަށް މަސައްކަތް ކުރާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
ރަށުގެ މީހުން ގޮވަމުންދިޔައީ، ވަގުތުން އެ ކުދިންތައް ރަށުން ބޭރު ކުރުމަށެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ކުދިންތަކެއް ނުކުމެ، ރަށުގެ މީހަކަށް ހަމާލާދީ، މާރާމާރީ ހިންގި މައްސަލައެއް އެތަނުން ދަނީ ބަލަމުންނެވެ.
އެނގުން މުހިއްމު - ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށިންނާއި އެކި ނުރައްކާތަކަށް ހުށަހެޅިފައިވާ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ރިހިބިލިޓޭޓްކުރުމަށް ފަހު އަނބުރާ މުޖުތަމައަށް ނެރުމަށް ހާއްސަކޮށްފައިވާ މަރުކަޒެކެވެ. އެތަން ހުޅުވީ މިދިޔަ އަހަރު އެވެ.
ކޮމެންޓް