އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން މީގެ ކުރިން އެމްއެމްއޭގައި. (ފޮޓޯ/އެމްޑީޕީ)

ޑޮލަރު މައްސަލާގައި މަޝްވަރާ ކުރަން އެމްޑީޕީ ޕީޖީން ގަވަރުނަރާ ބައްދަލުކުރަން އެދިއްޖެ

ޑޮލަރުގެ މައްސަލަތަކަކީ ރައްޔިތުންގެ އާންމު ދިިރިއުޅުމާއި ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުމާ ވެސް ސީދާ ގުޅިފައިވާ ކަމެއް ކަމަށް އެމްޑީޕީ ޕީޖީން ގަވަރުނަރު މުނައްވަރަށް ފޮނުވި ސިޓީގައި ބުނެފައިވޭ
1 ގަޑިއިރު ކުރިން

ޑޮލަރުގެ ކަޅުބާޒާރެއް އުފެދި، ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރުމުގެ އެޕޮއިންޓުމެންޓަކަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ޕާޓީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ބޭރު ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި މަނިޓަރީ ޕޮލިސީތައް ތަންފީޒުކުރުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމަށް ގަވަރުނަރު އަހުމަދު މުނައްވަރުގެ އެޕޮއިންޓުމެންޓަކަށް އެދި ސިޓީއެއް ފޮނުއްވައިފަ އެވެ.

ތަފްސީލް - މެންބަރުގެ ސިޓީގައި، ގަވަރުނަރާ އެކު ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރަން ބޭނުންވާ މައިގަނޑުކަންތައް ވެސް ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި:

  • ބީއެމްއެލް އިން ފަށާފައިވާ އިންވެސްޓުމެންޓު ސްކީމުތަކުގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖު ނިޒާމަށް ކުރާނެ އަސަރާއި ކަޅުބާޒާރުގެ ރޭޓަށް ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކުގެ މައުލޫމާތު ހޯދުން

  • ބީއެމްއެލް އާއި ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރެވޭ ބޭރުފައިސާގެ މުއާމަލާތްތައް ލިމިޓުކުރުމުން ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި ބޭސްފަރުވާ އަށް ދާ މީހުންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް

  • ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ބޮޑު އަގުގައި ވެސް ޑޮލަރު ހޯދަން ދަތިވެފައިވާތީ މުދާ އެތެރެކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި އޭގެ ސަބަބުން ތަކެތީގެ އަގު އުފުލޭ މައްސަލަ

  • އެމްއެމްއޭގެ ގާނޫނުގެ ދަށުން މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ އިހުތިޔާރު އެ އޮތޯރިޓީއަށް އޮތް ނަމަވެސް، އެފަދަ މުހިއްމު ނިންމުންތައް ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިއުލާނުކުރާތީ އެމްއެމްއޭގެ މިނިވަންކަމާއި އިތުބާރާ މެދު އުފެދޭ ސުވާލުތައް

  • ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އަދި ޖުމްލަކޮށް މުޅި އިގްތިސޯދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތައް ހަލުވި ކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ޕީޖީއަށް ދެވޭނެ އެއްބާރުލުންތަކާ މެދު މަޝްވަރާ ކުރުމަށް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބުނެފައިވަނީ ޑޮލަރުގެ މައްސަލަތަކަކީ ރައްޔިތުންގެ އާންމު ދިިރިއުޅުމާއި ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުމާ ވެސް ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާ އިން ދުވަހެއްގައި އެ މެންބަރުންނާއެކު ގަވަރުނަރުގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ.

ފާހަގަ ކުރެވޭ - ޑޮލަރުގެ މައްސަލާގައި އެމްޑީޕީގެ ޕީޖީން ގަވަރުނަރާ ބައްދަލުކުރަން އެދުނުއިރު، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ 21ރ.އަށް އަރައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް