ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިޔުމާއެކު މަންޒަރު ބަލާލުމަށް ރަށުގެ މީހަކު މަޑުކޮށްލައިގެން

ހދ. މަކުނުދޫ

ދިގުދެމިފައިވާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާ ވެސް މެދުކެނޑިއްޖެ

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި މަސައްކަތް މެދުކެނޑުނީ، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފެށުމާއެކު ރަށުގެ ގެތައް ގުޑާކަމުގެ ޝަކުވާ ލިބިގެން
4 ގަޑިއިރު ކުރިން

މީގެ ތިން އަހަރު ކުރިން ފެށި ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާ ވެސް މެދުކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟- ރާއްޖޭގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނާތީ  ދަތުރުފަތުރުކުރުމުގައި ތަކުލީފު އުފުލަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށް، މަކުނުދޫގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގަ އެވެ.

ރައީސްކަމަށް އިންތިހާބުވުމަށް ފަހު 2024 ވަނަ އަހަރު މަކުނުދުއަށް ކުރި ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ، އެ އަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިހާތަނަށް އައި އިރު، އެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ކުރިން މަސައްކަތް ހަވާލުކުރި ކުންފުނި އަތުން އެ މަޝްރޫއު ނަގައި، މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އަދި ވަރަށް ފަހުން ވަނީ، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާފަ އެވެ.

އެކަމަކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަނީ އެ މަޝްރޫއު އަނެއްކާ ވެސް މެދުކެނޑިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ:

  • ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފެށުމާއެކު ރަށުގެ ގެތައް ގުޑާކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައި

  • އެހެންވެ، މަސައްކަތް މަޑުޖައްސާލައި، އެކަމާ ގުޅޭ އެސެސްމެންޓް ހެދުމަށް ނިންމާފައިވާ ކަމަށް

މުއްތަލިބު ވިދާޅުވީ އެއާޕޯޓުގެ އިންފްރަސްޓްރަކްޗާގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެނގުން މުހިއްމު- މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމަކީ އެ ރަށު މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. އެހެން ރަށްތަކާ އެކަހެރިކޮށް އޮންނާތީ، ކަނޑުދަތުރު ކުރުން އެއީ އެ ރަށަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ހާއްސަކޮށް ކަނޑުގަދަ ދުވަސްތަކުގައި އުޅަނދު ފަހަރަށް ދަތުރު ނުކުރެވޭތީ ވަރަށް ގިނަ ފަހަރަށް ރަށު ބަންދުވެ، އެކި ހިދުމަތްތަކުން މަހުރޫމްވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް