ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވިކަމަށް ބުނެ ޖަލަށް ލި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި ނޫސްވެރިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އަނގަ ބަންދުކުރުމުގެ އަމުރު އެމްޖޭއޭއަށް އިސްތިއުނާފްކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހި ނޫސްވެރިންގެ ޖަމިއްޔާއަށް އިސްތިއުނާފްކުރެވޭނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
ވީކިިހިނެއް؟ - އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން އެ ކޯޓުން ނެރުނު އަމުރު އެންމެ ފުރަތަމަ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން އިސްތިއުނާފްކުރުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމީ އެ ޖަމިއްޔާއަކަށް އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.
އެ ގޮތުން، ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވަނީ:
-
ކްރިމިނަލް ކޯޓުން އެ އަމުރު ނެރެނީ ފިޔާޒާއި ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައާ ގުޅިގެން
-
މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭ؛ އެހެންވެގެން އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައްގެއް ނުލިބޭ
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި އެމްޖޭއޭގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ރަޖިސްޓްރާ އެ ގޮތަށް ނިންމީ ރަނގަޅަކަށް ނޫން ކަމަށެވެ. އެ ގޮތުން:
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލައެއްގައި ހިމެނޭ މީހުންނަށް އިސްތިއުނާފްކުރެވޭނެ ކަމަށް އޮންނަނީ ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކާއި، އެ ގާނޫނުގެ ދަށުން ކޯޓުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ކޯޓުން ނިންމާ ނިންމުންތަކަށް
-
ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރަކީ ހުކުމެއް ނޫން ކަމާއި؛ އެ އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީފައި ނުވާތީ އެއީ ގާނޫނުގެ ދަށުން ނެރުނު އަމުރެއް ކަމަށް ބެލެވެން ނެތް
-
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަކީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިޖުރާއަތަކަށްވެފައި، ދެ ފަރާތަށް ބަހުސްކުރުމަށް ފުރުސަތު ދިނުން ފަދަ އެ މަރުހަލާގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ނެރެފައިވާ އަމުރަކަށްވާތީވެ އެފަދަ ނިންމުމެއް ނޫން ކަން އެނގޭ
އޭގެ އިތުރުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އެއްވެސް ފަރާތަކުން ވާހަކަ ދައްކައިގެން ނުވާނެކަން އޮންނާތީ އެ އަމުރު އިސްތިއުނާފްކުރުމަށް އެމްޖޭއޭގެ މަސްލަހަތު އެބަ އޮތް ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިގެންނެވެ.
އެމްޖޭއޭގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމުމުން، ފިޔާޒުގެ ފަރާތުން ވަނީ އެ އަމުރު އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ކޯޓަށް ބަލައިގަނެ، އާންމުކޮށް ހުޅުވާލައިގެން ގެންދިއުމުގެ ބަދަލުގައި ސިއްރުން މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެނގުން މުހިންމު - އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދުކޮށްފަ އެވެ. އެއީ:
-
'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން
-
'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ މެންބަރެއް ކަމަށްވާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔެގެން
-
އެ ދެ ނޫސްވެރިން ވެސް ޖަލު ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ދޫކޮށްލާފައި؛ އެ ގޮތުން ލީވާން 10 ދުވަހު އަދި ޝަހުޒާން 15 ދުވަހު ވަނީ ޖަލުގައި ހޭދަކޮށްފައި
ގުޅުން ހުރި - ޑޮކިޔުމެންޓްރީގެ މައްސަލާގައި 'އަދަދު'ގެ ސީއީއޯ ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
ކޮމެންޓް