ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޒަމީރު އަދި މިނިސްޓަރު މުއްތޮލިބު.

މުއްތޮލިބު ޒަމީރަށް: މާލޭ މީހަކަށް ނުވިޔަސް، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު އެނގޭ

ޕީއެންސީގެ މެމްބަރު ޒަމީރު މިއަދު މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ތެރެއިން ވިދާޅުވީ، މުއްތޮލިބު މާލެއަށް އުފަން މީހަކަށް ނުވާތީ މާލޭ މީހުންގެ އިހްސާސްތައް އޭނާއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް

މާލޭ މީހަކަށް އޭނާ ނުވިޔަސް މާލެއަށް އުފަން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު އެނގިވަޑައިގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުއްތޮލިބު މިގޮތަށް ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - ދާއިރާ މީހަކު ފޮނުވި ސުވާލެއް ކަމަށް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މިނިސްޓަރު މުއްތޮލިބަކީ، "މާލެއަށް ނިސްބަތްނުވާ، މައިންބަފައިން ވެސް އަތޮޅުތެރެއަށް ނިސްބަތްވާ މީހަކަށްވާތީ، މާލެއަށް އުފަން މީހުންގެ އިހުސާސްތައް މިނިސްޓަރަކަށް އެނގިނުލައްވާ" ކަމަށެވެ. އެއާ އެކު، އޭނާ ކުރެއްވި ސުވާލަކީ:

  • މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއޫގައި މާލެއަށް އުފަން، މާލޭ މީހުންގެ ކެޓަގަރީ ނެތް ކަމަށާއި އެ ކެޓަގަރީ އޮންނަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ކަމަށް [ނަމަވެސް ޒަމީރުގެ އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް]

  • މިކަމަށް މިނިސްޓަރުގެ ޖަވާބަކީ ކޮބައިތޯ؟

މަޖިލީހުގެ ޖަލްސާއެއްގައި ޒަމީރު ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޒަމީރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ވެސް ބޯހިޔާވަހިކަން ފަދަ މުހިންމު ކަންކަމުގައި ސައްހަ މައުލޫމާތު އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.  އެގޮތުން، އޭނާ ވިދާޅުވީ:

  • ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މާލޭގެ ރަޖިސްޓްރީވެފައިވާ ތިން ސަބް ކެޓަގަރީއެއް ހިމެނޭ

  • އެއީ މާލެއަށް އުފަން މާލޭގެ މީހުންނަށް، މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުން އަދި ފަހުން މާލެއަށް ރަޖިސްޓްރީވެފައިވާ މީހުން

  • އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއްދީ، ގިނަ އަދަދެއްގެ ފްލެޓް ކަނޑައަޅާފައި ވާނީ، ފުރަތަމަ ސަބް ކެޓަގަރީ ނުވަތަ މާލެއަށް އުފަން މާލޭގެ ރައްޔިތުންގެ ކެޓަގަރީއަށް

"ހަގީގަތުގައި އަޅުގަނޑު މާލޭގެ މީހަކަށް ނުވިޔަސް، އަޅުގަނޑުގެ އުމުރުން 12 އަހަރުން ފެށިގެން މާލޭގައި އުޅުނީމަ އަދި މާލޭގެ އެއް ގެއިން އަނެއް ގެއަށް އެހެން މީހުން ވެސް އުޅުނު ގޮތަށް ބަދަލުވެފައި ހުރީމަ، މާލޭގެ ބޯހިޔާވަހިކަމުގެ ދަތި ހާލަތު އަޅުގަނޑަށް ވެސް އެނގޭ،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތޮލިބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/މަޖިލިސް)

މުއްތޮލިބު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ތަންފީޒު ކުރަމުންދަނީ އޭނާގެ "އަމިއްލަ ސިޔާސަތެއް ނޫން" ކަމަށެވެ.

"އަޅުގަނޑު ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތު. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ [މުހައްމަދު މުއިއްޒު]އަކީ މާލެއަށް އުފަން، މާލޭ ބޭފުޅެއްކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އެ ކަނޑައަޅުއްވާ އުސޫލެއްގެ ތެރެއިން މާލެ އުފަން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކެއް ހެދިގެން ޕްރޮގްރާމް ކުރިއަށް ދަނީ."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް