ނިމިދިޔަ މަޖިލިސް އިންތިހާބުގެ ޕީއެންސީ ކެމްޕެއިން ޖަލްސާއެއްގައި އީސީގެ ރައީސް މުހައްމަދު ޝަކީލް ވާހަކަ ދައްކަވަނީ
އީ-ވޯޓިންއަކަށް ހުރަހެއް ނެތް، އެކަމަކު ފުރަތަމަ ޖެހޭނީ މުޖުތަމައު ހޭލުންތެރިކުރުވަން: ޝަކީލް
އިލެކްޓްރޯނިކް ވޯޓިން ނިޒާމު ނުވަތަ އީ-ވޯޓިން ނިޒާމެއް ބޭއްވުމަށް ޖިސްމާނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމަކު އޭގެ ކުރިން ފުރަތަމަ ޖެހޭނީ މުޖުތަމައު އެކަމަށް ހޭލުންތެރިކުރުވަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އާ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އީސީގެ ރައީސްކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި ފުއާދު ތައުފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ މަހު ފަހުކޮޅު އެ މަގާމަށް އައްޔަން ކުރެއްވި ޝަކީލް، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީ-ވޯޓިންއަކަށް އަދި މުޖުތަމައު ތައްޔާރުނުވާ ކަމަށެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި އެ ނިޒާމާ ގުޅޭގޮތުން ފުރަތަމަ ޖެހޭނީ މީހުން ހޭލުންތެރިކުރުވާށެވެ. އެގޮތުން އެ ނިޒާމު ހިނގާ ގޮތް އެނގި، އެއާ ގުޅޭ އެހެން ހުރިހާ މައުލޫމާތަކާ ގުޅޭ ގޮތުން ވެސް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފިޒިކަލީ ގޮތުން އަޅުގަނޑުމެންނަށް އެކަމުގައި އެއްވެސް ހުރަހެއް ނެތް. އެކަމަކު އެކަން ކުރެވޭނީ، ދިގުދެމިގެންދާ ގޮތަކަށް ރައްޔިތުން ހޭލުންތެރިކުރުވުުމަށް ފަހު، އެ ކަމަށް ތައްޔާރުކަން ރައްޔިތުން ހާމަކުރާ ހިސާބުން،" ޝަކީލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރާފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެގޮތުން ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި، ސަރުކާރުގެ މަގްސަދަކީ، 'ގާނޫނުތަކުން ސަރުކާރަށް ކުރުން ލާޒިމްކޮށްފައި ހުރި ކަންކަން ނުކޮށް، 2028ގެ ރިޔާސީ އިންތިހާބަށް އީ-ވޯޓިން ތައާރަފްކުރުން' ކަމަށެވެ. އަދި 'ކުރަން އުޅެނީ ވަގު ވޯޓު އެޅުމުގެ ކަންކަން' ކަމަށް ތުހުމަތު ކުރެއްވި އެވެ.
އެކަމަކު މަޖިލީހުގެ ސަރުކާރު މެމްބަރުން އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
އިންޓަވިއުގައި ޝަކީލް ވިދާޅުވީ:
-
އީ-ވޯޓިންގެ ނިޒާމާ ގުޅޭގޮތުން އެކި ފަަހަރު އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ ކަމަށް
-
އެގޮތުން ވޯޓު އޮޅުވާލުން ފަދަ ކަންކަމަށް ތުހުމަތު ކުރާ ކަމަށާއި އެހެންވެ، އެކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވިދާޅުވި
"އެ މަސައްކަތްކުރާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގޮސްގެން، އެއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވެގެން ނޫނީ އެ ނިޒާމެއް ތައާރަފެއް ނުކުރެވޭނެ،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން އެކަން ކުރެވެން އެބައޮތް ކަމަށާއި އެކަމަކު އެއީ، އާއްމު ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވާތީ، އެ ނިޒާމަށް ދިޔުމުގެ ކުރިން އިސްކަން ދޭނީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް