އޭލެވެލް ޓޮޕް އެޗީވާސް އެވޯޑުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވާހަކަ ދައްކަވަނީ (ފޮޓޯ/އެޑިއުކޭޝަން މިނިސްޓަރު)
ޓިއުޝަނުގެ ސަގާފަތެއް އުފެދިއްޖެ، ވިސްނުން ބަދަލުކުރަން އެބަޖެހޭ: މިނިސްޓަރު
ސްކޫލުގެ ކިޔެވުން ނިންމުމަށް ފަހު ގޭގައި ޓިއުޝަން ނެގުމުގެ ސަގާފަތެއް އުފެދިއްޖެ ކަމަށާއި އެ ވިސްނުން މިހާރު ބަދަލު ކުރަން ޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭ ލެވެލް އިމްތިހާނުން އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ތައުލީމީ ދާއިރާގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. އޭގެ ތެރެއިން ވެސް، 'މިނިސްޓަރަކު މިހާތަނަށް ނުދައްކާ ލެވެލްއެއްގައި ދައްކާ ވާހަކައެއް' ކަމަށް ފާހަގަކުރައްވާ ވިދާޅުވީ، ޓިއުޝަން ނެގުމުގެ އާދަ އާއި އެއިން ދަރިވަރުންނަށް ކުރަމުންދާ އަސަރުގެ ވާހަކަ އެވެ.
ބުނީ ކީކޭ؟ - ޝަފީއު ވިދާޅުވީ ދަރިވަރުން ސްކޫލުން އެނބުރި ގެއަށް ދަނީ ކިޔެވުމުގައި ހަ ގަޑިއިރު ހޭދަކޮށްފައި ކަމަށެވެ. އެކަމަކު ގެއަށް ގޮސް ވެސް، އަނެއްކާވެސް ހަތަރު ގަޑިއިރު ނުވަތަ ހަ ގަޑިއިރު ޓިއުޝަން ނެގުމުގައި ހޭދަކުރާ ކަމަށާއި މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ފާހަގަކޮށްލަން، ދަރިވަރުންނަށް ސްކޫލުން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ ސްކޫލުގައި އުނގެނޭ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭނެ ފަދަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ސްކޫލުގައި ފިލާވަޅު ނަގައިދޭއިރު އެއަށް ސަމާލުކަންދޭން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ
-
އެހާ ގިނަ ވަގުތުތަކެއް ގޭތެރޭގައި ކިޔެވުމަށް ހޭދަކުރާ ނަމަ، އޭގެ އަސަރު ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާނެ
"ދަރިވަރުން އެބަ ޖެހޭ ހުސް ވަގުތުގައި ހިތް އުފާވާ ކަންކަން ކުރަން. އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ ގާބިލްކަން ދަރިވަރުންނަށް ފޯރުކޮށްދޭން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން، ހޯދާ ބަލާ ދަރިވަރުންގެ ސިކުނޑީގައި ފިލާވަޅު ހަރުލުމުގެ ނިސްބަތް %75އަށް އަރާ ކަމަށެވެ. އެކަމަކު މުޅިން އެހެން މީހުންނަށް ބަރޯސާ ވެގެން، ނުވަތަ 'ސްޕޫންފީޑް' ކުރާ ނަމަ ކުދިންގެ ހިތުގައި އަދި ސިކުނޑީގައި އެ މާއްދާއަކާ ގުޅޭ އިލްމު ހަރުލާފައި ހުންނާނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިއީ، ބެލެނިވެރިންނާއި ދަރިވަރުން ވެސް ވަރަށް ބޮޑަށް ހޭލުންތެރިވެ، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކްލާހުގެ ތެރޭގައި ދެވޭ ފިލާވަޅުގެ ޒަރީއާއިން، ދަރިވަރުން ބޭނުންވާ މިންވަރަށް އުނގަންނައިދެވޭތޯ ބެލުމަށް ޓީޗަރުންނަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ. އެހެން ނުވާ ނަމަ، އުނގަންނައިދިނުން ބަލިކަށިވެ، ޓިއުޝަން ނެގުމުގެ ސަގާފަތް މިހާރަށް ވުރެ ވަރުގަދަވާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ކޮމެންޓް (1)
ކުރަނގި