މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު ސަނީހު (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)
އޮޑިޓް ކޮމިޓީ ޗެއާކަމުން ޕީއެންސީގެ ކައުންސިލަރު ސަނީހު އިސްތިއުފާ ދެއްވައިފި
މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަމަށް ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ސަނީފު ހަނީފު ހަމަޖެއްސިތާ ދުވަހެއް ވެސް ނުވަނީސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ސިޓީ ކައުންސިލަށް އިންތިހާބުވި ސަނީހަކީ، 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިނުވާ މީހަކަށް އެޗްޑީސީގެ ތެރެއިން ބިން ދިން މައްސަލާގައި އެ ތަނުގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުއްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
އެފަދަ ތުހުމަތުތަކެއް އޮތް މީހަކަށް ވުމުގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރަކަށް މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަން ހަވާލުކުރުމުން، ކައުންސިލްގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އިއްޔެ ސޯޝަލް މީޑިއާގައި ފާޑުކިޔައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ތަފްސީލް - މި މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވާ މާލޭގެ މޭޔަރު އާދަމް އާޒިމަށް ވެސް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސަނީހު އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައިވާކަން މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮތުމުގެ އިތުރުން އޮޑިޓް ކޮމިޓީގެ ޗެއާކަން ޕީއެންސީގެ ކައުންސިލަރަކަށް ދިނުމުން ފާޑުކިޔުން އަމާޒުވި އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ހުންނެވިއިރު ކޮރަޕްޝަންގެ އެކި ކަންކަން ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް އޮތުމުންނެވެ.
އެ ކަންކަން ހާމަކުރުމަކީ މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންވި އެންމެ ބޮޑު އެއް ވައުދެވެ. މާލެ ސިޓީ ކައުންސިލްގައި މި ވަގުތު އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެކެވެ. އެންމެ ދެ ކައުންސިލަރުން ފިޔަވައި ދެން ތިބީ މުޅިން ވެސް އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނެވެ.
ފާހަގަކޮށްލެވޭ - މާލެ ސިޓީ ކައުންސިލް އޮޑިޓް ކޮށްފައިވަނީ ވެސް މަދު ފަހަރަކު އެވެ. ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓަކާއި ކުލީ އާމްދަނީއެއް ލިބޭ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓެއް އެންމެ ފަހުން ނެރުނީ 2020ގަ އެވެ.
އޭގެ ފަހުން އެތެރޭގެ އޮޑިޓެއް ސިޓީ ކައުންސިލުން ހެދި ނަމަވެސް އެ ރިޕޯޓްގެ ބައެއް މައުލޫމާތުތައް ނުދިނުމަށް އިންފޮމޭޝަން އޮފިސަރު މި ހަފްތާގައި ނިންމުމުން އެ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އެ މައްސަލާގައި މޭޔަރު އާޒިމް ވިދާޅުވެފައިވަނީ އެ ގޮތަށް އިންފޮމޭޝަން އޮފިސަރު ނިންމީ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް ކަމަށެވެ.
އިތުރަށް ކިޔާލަން
ކޮރަޕްޝަން މައުލޫމާތު ނުދިނީ ނޭނގި، ފިޔަވަޅު އަޅާނަން: ކައުންސިލް
8 ޖުލައި 2026
އަޅުގަނޑު އެއްވެސް މީހަކަށް ދިން ބިމެއް ނޯންނާނެ: އާޒިމް
4 ޑިސެމްބަރު 2025
އާރުސީސީއަށް ދިން ބިމެއް ލިސްޓުން ފެންނަން ނެތުމުގެ ޝަކުވާ ބޮޑު
25 ނޮވެމްބަރު 2025
ކޮމެންޓް