މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް(ފޮޓޯ/ މާލޭ ސިޓީ ކައުންސިލް)

އާރުސީސީއަށް ދިން ބިމެއް ލިސްޓުން ފެންނަން ނެތުމުގެ ޝަކުވާ ބޮޑުވެއްޖެ

މާލޭގެ ހީނާމާގެ އާރުސީސީއަށް ދީފައިވާ ކަމަށް މީގެ އަހަރެއް ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން އާންމުކުރި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި ހީނާމާގެއެއް ނެތް
25 ނޮވެމްބަރު 2025

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް މާލޭގެ ހީނާމާގެ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާކަން، މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން އާންމުކުރި ކުއްޔަށް ދޫކުރި ބިންތަކުގެ ލިސްޓުގައި ނެތުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.

އެނގުން މުހިންމު - އާރުސީސީއަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެކެވެ. އެ ގޮތުން:

  • އެ ކުންފުނީގެ މައި ހިއްސާ އޮންނަ ކުންފުނި ކަމަށްވާ އަބްދުއްރަޝީދު އެންޑް ފެމިލީގެ ހިއްސާދާރުންނަކީ އާދަމް އާޒިމް އާއި އެ އާއިލާގެ ބޭފުޅުން

  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަކީ ވެސް އެ ކުންފުނީގެ ހިއްސާދާރެއް؛ ނާޒިމަކީ ސަރުކާރު ހިންގާ ޕީއެންސީއާ ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް

ވީ ކިހިނެއް؟ - ގަލޮޅު ދަނޑު ކައިރީގައި މަޖީދީމަގަށް ވާ ގޮތަށް މިހާރު އޮންނަ ޕާކިން ޒޯނަކީ ކުރީގެ މަޝްހޫރު ހީނާމާގެ އެވެ. އެ ބިން އާރުސީސީއަށް ދީފައިވާ ކަމަށް މީގެ އަހަރެއް ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އޭރު ބައެއް ނޫސްތަކަށް އެކަން ކަށަވަރުކޮށްދެއްވީ ވެސް އާރުސީސީގެ މައި އެއް ހިއްސާދާރު ނާޒިމެވެ.

"އެ ބިން ލިބުނީ އަޅުގަނޑުމެން ހުށަހަޅައިގެން. މިހާރު މި ދަނީ އެ ތަން ކުރެހުމުގެ މަސައްކަތް ކުރަމުން،" ނާޒިމް 'އަދަދު' ނޫހަށް އޭރު ވިދާޅުވި އެވެ.

ތަފްސީލް - މިކަމާ ގުޅިގެން އެކްސްގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އަންނަ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާލޭ މޭޔަރުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

"މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކަކީ ތަންތަނުގެ ލިސްޓު ކަމަށް ބުނެ 20 ނޮވެމްބަރު 2025ގައި ގެޒެޓްކޮށްފައިވާ ލިސްޓްގައި އާރުސީސީއަށް ކުއްޔަށް ދީފައިވާ ހީނާމާގެ ބިން އުނިކޮށްފައި ތިޔަ ވަނީ މާލޭ ރައްޔިތުންނަށް އޮޅުވާލަން ކަމަށްތޯ؟،" އަލީ އާޒިމް އެކްސްގައި ލިއުއްވި އެވެ.

އަލީ އާޒިމް ތުހުމަތުކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު، މިހާރު ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ އެކިއެކި ކަންކަން ފޮރުވަން އާދަމް އާޒިމް މަސައްކަތްކުރައްވާ ކަމަށެވެ.

އަލީ އާޒިމް މާލޭގެ މޭޔަރުކަމައް ކުރިމަތިލުމުގެ ގޮތުން ބޭއްވި ކެމްޕެއިންގެ ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަލީ އާޒިމްގެ ވާހަކައަށް އާދަމް އާޒިމް އެކްސްގައި ރައްދު ވެސް ދެއްވި އެވެ. އާދަމް ވިދާޅުވީ އާރުސީސީއަށް އެ ބިން ދިންކަމަށް ބާރުދޭ އެއްވެސް ލިޔެކިއުމެއް އޮތް ނަމަ ހާމަކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަލީ އާޒިމް ދޮގުހައްދަވާ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

އާދަމް ދެން ވިދާޅުވީ އެ ލިސްޓްގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އެ ކަން ފާހަގަކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން 30 ދުވަސް ހުޅުވާލާފައިވާ ކަމެވެ.

މި ހިސާބުން އާދަމް އާޒިމަށް ރައްދު ދެއްވީ، މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ހަސަން އެކްސްގައި ވިދާޅުވީ އާޒިމަށް ދޮގުކުރެއްވުނީ އާރުސީސީގެ އެއް ހިއްސާދާރު ނާޒިމްގެ ބަސް ކަމަށެވެ.

"ނާޒިމް އެ އޮތީ ވިދާޅުވެފައި ހިނާމާގެ ލިބުނީ ތި ބޭފުޅުންގެ ކުންފުނިން ހުށަހަޅައިގެން ކަމަށާއި އެ ތަން ކުރެހުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ. މޭޔަރު ތިޔަ ވިދާޅުވަނީ އެ ތަނެއް އާރުސީސީއަށް ދީފައި ނުވެއޭތޯ؟ ސާފުވާ ގޮތަށް ވިދާޅުވެ ދެއްވާ،" ހަސަން އެދިވަޑައިގަތެވެ. 

އޭގެ ފަހުން ވެސް ހަސަން އާއި އާދަމް އާޒިމް އެކްސްގައި ރައްދުތަކެއް ދެއްވި އެވެ. އެ ގޮތުން:

  • އާދަމް އާޒިމް އަނެއްކާވެސް ގޮވާލެއްވީ ލިޔެކިއުންތައް ހާމަކޮށްދެއްވުމަށް އަދި ވިދާޅުވީ އެ ކަހަލަ ދޮގު ހެއްދެވުން އާދައަކަށް ނުހެއްދެވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް

  • ހަސަން ރައްދުގައި އެއްސެވީ އާދަމް އާޒިމް ތިޔަ ދައްކަވަނީ ކޮން ވާހަކައެއްތޯ

  • ހަސަން ވިދާޅުވީ އޭނާ ކުރެއްވީ މާލޭގެ ރައްޔިތެއްގެ ހައިސިއްޔަތުން މާލޭގެ މޭޔަރާ ސުވާލެއް ކަމާއި ސުވާލެއްގައި ދޮގެއް އަދި ތެދެއް ވެސް ނޯންނާނެ ކަމަށް؛ މޭޔަރު އެހާ ރުޅި ދުރުނުވެ ހަމަޖެހިލައިގެން އެ ޕޯސްޓް ވިދާޅުވުމަށް ހަސަން ވިދާޅުވި

ޕީއެންސީ އާއި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

ފާހަގަކޮށްލެވޭ - އެމްޑީޕީގެ އެތެރޭގެ ސިޔާސީ ބާރުވެރިކަމަށް އޮތް ހިޔާ ތަފާތުވުންތައް އަދިވެސް ބޮޑެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންކަމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ފައްޔާޒަށް ހަސަން ލަތީފް އާއި އަލީ އާޒިމް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިންގެ ތާއީދު އެބަ އޮތެވެ.

ރިޔާސީ ޕްރައިމަރީއަށް ދެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ސޯލިހު އާއި އެ މަނިކުފާނުގެ ޓީމު މާލޭ މޭޔަރުގެ ޕްރައިމަރީގައި ތާއީދު ކުރައްވަނީ އާދަމް އާޒިމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް