'އަދަދު'ގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ސަރަހައްދުގައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫސް ވަނުން މަނާކުރި މައްސަލަ ޝަކުވާ ބިއުރޯއަށް
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކުރުމަށް ނިންމި މައްސަލަ 'ސިޓިޒަންސް ކޮމްޕްލައިންޓްސް ބިއުރޯ'އަށް މިއަދު ހުށަހަޅައިފި އެވެ.
ވީކިިހިނެއް؟ - 'އަދަދު' ނޫހުގެ ނޫސްވެރިން، ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ކުރާ ތުހުމަތުތަކަކާ ގުޅޭ ގޮތުން 'އަދަދު' ނޫހުގެ ނޫސްވެރިޔަކު ސުވާލުކުރި ހިސާބުންނެވެ. އެ ގޮތުން:
-
'އަދަދު' ނޫހުގެ ނޫސްވެރިޔާ އަދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން އެ ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ 'އަނގަ ބަންދުކުރުމުގެ' އަމުރަކާ ޝަހުޒާން ހިލާފުވީ ކަމަށް ބުނެ
-
11 މެއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ބޭރުކޮށްލުމަށްފަހު އެ ދުވަހުގެ ރޭ ރައީސް އޮފީހުން ވަނީ އެ އޮފީހުން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި 'އަދަދު' ނޫސް ވަނުން މަނާކުރުމަށް ނިންމާފައި
'އަދަދު' ނޫހުގެ ފަރާތުން ވަނީ ރައީސް އޮފީހުން އެ ގޮތަށް ނިންމި ނިންމުމުގެ ރަސްމީ ލިޔުން ހިއްސާކޮށްދިނުމަށް އެދިފަ އެވެ.
ތަފްސީލް - ކޮމްޕްލެއިންޓްސް ބިއުރޯގެ ސެކްރެޓަރީ ޑރ. މުހައްމަދު މާހިދު ޝަރީފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް އޮފީހުގެ ނިންމުމުގެ ރަސްމީ ލިޔުން ހޯދުމަށް އެދި 'އަދަދު' ނޫހުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
އެ ގޮތަށް ރައީސް އޮފީހުގެ ނިންމުމުގެ ރަސްމީ ލިޔުން ހިފެހެއްޓުމަކީ ގާނޫނުއަސާސީގެ 43ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އެ މާއްދާއަކީ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ:
-
އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ހައްގެއް
-
އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވޭ
-
އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއްވެސް ބައެއްގެ ހައްގަކަށް، ނުވަތަ މުޖްތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވޭ
ރައީސް އޮފީހުގެ ފިޔަވަޅަކީ ބޭއިންސާފު ފިޔަވަޅެއް ކަން ސާބިތުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް ހުށަހެޅުމަށް 'އަދަދު' ނޫހުން ބޭނުންވާ ކަމަށާއި ނަމަވެސް ރަސްމީ ލިޔުން ނުދޭތީ އިންސާފު ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
"ވީމާ މިދިޔަ މޭ މަހުގެ 18ގައި ހުށަހެޅި ސިޓީއަށް ޖަވާބު ވަގުތުން ފޯރުކޮށްދީ، އަދި ޖަވާބު ނުދީ ލަސްވި މައްސަލަ ބައްލަވައިދެއްވުން އެދެމެވެ،" ޝަކުވާ ބިއުރޯއަށް ފޮނުވި ސިޓީގައިވެ އެވެ.
އިތުރަށް ކިޔާލަން
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަކީ ވެސް 'އަދަދު ނޫހުން28 މާޗުގައި ނެރުނު ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލާގައި ދައުލަތުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކިތަންމެ ބަޔަކު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެ އަމުރާ ހިލާފުވި ކަމަށް ބުނެ މިހާތަނަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ ވެސް 'އަދަދު' ނޫހުގެ ދެ ނޫސްވެރިއެއް އެކަންޏެވެ. އެ ދެ މީހުން ވެސް މިހާރު އެ ހުކުމް ތަންފީޒުކޮށް ނިމިފައިވެ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
ކޮމެންޓް