އެމްޑީޕީ ގައުމީ ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީގެ ހިންގުން ބަދަލުކުރާ މަގުޗާޓުގެ މަސައްކަތަށް ކޮމިޓީއެއް ނަގައި މުގައްރިރަކަށް ފައްޔާޒު
އެމްޑީޕީގެ ހިންގުމާއި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ވަކި ކޮމިޓީއެއް ނަގައި، އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހަމަޖައްސައިފި އެވެ.
ވީކިހިނެއް؟ - މި މަގުޗާޓަކީ މިދިޔަ ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، އެ ޕާޓީގެ ހިންގުން ވަރުގަދަކުރުމަށްކަމަށް ވިދާޅުވެ، އޭރު ޗެއާޕާސަންކަމުގައި ފައްޔާޒު ހުންނަވައިގެން ފެއްޓެވި މަސައްކަތެކެވެ.
އެ ބަދަލުތައް ޕާޓީގެ ފަރާތުން ހުށަހެޅުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވަނީ މިދިޔަ 23 ނޮވެމްބަރުގަ އެވެ.
އެ މަގުޗާޓުގެ މަަސައްކަތް ނިންމަން ކޮމިޓީއެއް ނެގުމަށް ނިންމެވީ މިހާރު އެ ޕާޓީގެ ޗެއާޕާސަނަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ތަފްސީލް - މަގުޗާޓުގެ މަސައްކަތް ނިންމުމަށް ނަޝީދު އެކުލަވާލެއްވި ކޮމިޓީގެ މުގައްރިރަކަށް ފައްޔާޒު ހަމަޖެއްސެވުމުގެ އިތުރަށް އެ ކޮމިޓީއަށް ޖުމުލަ 10 މެންބަރުން ވަނީ އައްޔަންކުރައްވައިފަ އެވެ.
ފައްޔާޒުގެ އިތުރުން ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ:
-
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
-
މާފަންނު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
-
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)
-
އެމްޑީޕީގެ ގާނޫނީ ވަކީލު މައުރޫފް އަހުމަދު
-
އެމްޑީޕީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (މަދަަނަ އިބްރޭ)
-
އަލިފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
-
އެމްޑީޕީގެ މާލީ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ
-
އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު މަހުފޫޒު ސައީދު
-
ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ހިމެނޭ މަގުޗާޓެއްގެ މަސައްކަތްކުރުމަށް ކޮމިޓީއެއް ނެގިއިރު، އަންނަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
ޗެއާޕާސަންކަމުގައި ހުންނަވާ ބޭފުޅަކު އެ ދައުރު ނިމުމުގެ ކުރިން އޮންނަ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރުން މަނާވާނެ އިސްލާހެއް ގެނައުމަށް ޕާޓީގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ނަޝީދު ވަނީ އެފަދަ އިސްލާހަކަށް ތާއީދުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ކޮމެންޓް