ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)
އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުވެއްޖެ
މިދިޔަ ތިން އަހަރުގެ ތެރޭގައި، އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވިއްޖެ ކަމަށާއި މިއީ ލިބުނު ކުރިއެރުމެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދައަށް ހޭދަކުރި ގޮތުގެ ބައެއް ތަފާސްހިސާބުތައް އާއްމު ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ގީލާ ވިދާޅުވި ގޮތުގައި:
-
2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް 338 މީހުން މަދުވި
-
އެކަމަކު އެހާބޮޑު ތަފާތެއް ނުފެންނަނީ ކެންސަރުގެ ފަރުވާއަށް ފޮނުވަން ޖެހުނު މީހުންގެ އަދަދު ގިނަވުމުން
-
ކެންސަރަށް ފަރުވާ ހޯދަން ފޮނުވި މީހުންގެ އަދަދު އުނިކުރުމުން، 2023 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ބޭސް ފަރުވާއަށް ފޮނުވި މީހުންގެ އަދަދު 821 މީހުންނަށް ވަނީ މަދުވެފައި
"މީ ސިއްހީ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ގޮތް ފަހި ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ގީލާ ވިދާޅުވި އެވެ.
ކެންސަރަށް ފަރުވާ މީހުންގެ އަދަދު އިތުރުވެއްޖެ
މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް މީހުން ފޮނުވަނީ، ރާއްޖޭގައި މި ވަގުތު ދެވެން ނެތް، ހާއްސަ ފަރުވާ ތަކަށާއި ބޮޑެތި އޮޕަރޭޝަންތަކަށާއި ކެންސަރާއި ނާރުގެ ބަލިތަކުގެ ފަރުވާއަށް ކަމަށެވެ. މިއީ ފުރާނައާ ގުޅިފައިވާ، ކޮންމެހެން ވެސް ފޯރުކޮށްދޭން ޖެހޭ ފަރުވާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވަނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި، ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު، 480 މީހުން ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި:
-
2023 ވަނަ އަހަރު 1،638 މީހުން ކެންސަރަށް ފަރުވާ ހޯދި
-
2024 ވަނަ އަހަރު އެ އަދަދު 1.996އަށް ވަނީ އިތުރުވެފައި
-
މިދިޔަ އަހަރު އެ އަދަދު 2،000އަށް ވުރެ މަތިވި
ގީލާ ވިދާޅުވީ މީގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް މުޅިން އަލަށް ފޮނުވުނު މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުން ހިމެނޭ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުގައި އުޅޭ ދިވެހިން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް