ހިމަބިހިން ދިފާއުވާން ޖަހާ އެމްއެމްއާރު ވެކްސިން.

ހިމަބިހި

ހިމަބިހި އަދިވެސް ބާރަށް ފެތުރެނީ، ބަލި ޖެހުނު މީހުންގެ އަދަދު 121 އަށް

މިދިޔަ ހަފުތާ އެކަނި ވެސް 55 މީހަކަށް މި ބަލި ވަނީ ޖެހިފައި
1 ގަޑިއިރު ކުރިން

މިދިޔަ ހަފުތާގައި އިތުރު 55 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ. އެއާ އެކު، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރައިފަ އެވެ.

ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއީ މި ބަލި ރާއްޖޭން ނައްތާލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ޖެހުނު ފުރަތަމަ ފަހަރެވެ.

ތަފްސީލް - އެޗްޕީއޭއިން ބުނިގޮތުގައި އެ އެންމެންނަށް ވެސް ބަލި ޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ބަލިން ރައްކާތެރިވުމަށް މިހާރު ދަނީ ވެކްސިން ދެމުންނެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް 5،495 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

ނައްތާލާފައި އޮތް މި ބަލި، މި ސަރަހައްދުން އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި މި އަހަރު ރާއްޖެ ވެސް ވަނީ ހިމެނިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި މި އަހަރު އެންމެ ގިނައިން ފެތުރެމުން ދަނީ ބަންގްލަދޭޝްގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެން މި ބަލި އެންމެ ގިނައިން ފެންނަނީ އިންޑިއާއިންނެވެ. މި ފަހަރު ތިން ވަނައިގައި އޮތީ ރާއްޖެ އެވެ. ސްރީ ލަންކާ އާއި ނޭޕާލް އޮތީ މާ ފަހަތުގަ އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، މި ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން، ހިމަބިހީގެ ވެކްސިން ފުރިހަމަ ކުރިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ޓޫރިސްޓުންގެ ކިބައިން ފެންނަ އަލާމާތްތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިމަބިހީގެ ބައެއް އަލާމާތްތައް:

  • ހުންއައުން

  • ރޯގާ ޖެހުން

  • ކެއްސުން

  • ލޯ ރަތްވުން

  • ހަމުގައި ރަތް ބިހިތަކެއް ނެގުން

އެޗްޕީއޭގެ އިލްތިމާސަކީ:

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

  • ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް