ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް: މިއަދު އޭނާ ވަނީ އެލްޖީއޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

އެލްޖީއޭއާ މެދު ހައިރާންވެ އަންތަރީސްވެއްޖެ: ކުޅުދުއްފުށީ މޭޔަރު

ހދ. އަތޮޅުގެ ތަރައްގީއަށް އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމި އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލަން ކުޅުދުއްފުށީ މޭޔަރަށް އެލްޖީއޭއިން އެންގުމުން އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
1 ގަޑިއިރު ކުރިން

ހދ. އަތޮޅުގެ ތަރައްގީއަށް އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމި އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެންގުމުން އެތަނާ މެދު ހައިރާންވެ އަންތަރީސްވެވަޑައިގެންފި ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހދ. އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށް އެ އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ހުށަހެޅުއްވީ އާތިފެވެ. އެކަން އޭނާ ކުރެއްވީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެކަމަކު އެލްޖީއޭއިން މިއަދު ވަނީ އެ ފަދަ ބޯޑެއް ނުހެދޭނެ ކަމަށް އަންގާފަ އެވެ.

އާތިފަށް ފޮނުވި ސިޓީއެއްގައި އެ އޮތޯރިޓީއިން ބުނީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ޒިންމާ ގާނޫނުން ހަވާލުކޮށްފައިވަނީ އެލްޖީއޭއާ ކަމަށެވެ.

ތަފްސީލް - އެކަމަށް ރައްދު ދެއްވައި އާތިފް މިއަދު ވިދާޅުވީ އެ ދަރަޖައަށް އެލްޖީއޭ ވެއްޓިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ އަޖައިބު އަންތަރީސްވެއްޖެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.

"އެލްޖީއޭގެ ގާނޫނީ ޒިންމާ އާއި ބާރުތައް އެނގިނުލައްވަނީތޯ؟"

އާތިފް ވިދާޅުވި ގޮތުގައި:

  • އެ ބޯޑުގެ މަގްސަދަކީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭއިން ދޭ ހިދުމަތްތައް ދިނުމެއް ނޫން

  • އެކަމަކު އޭގެ މަގްސަދަކީ، އަތޮޅުގެ ރަށްތައް ގުޅިގެން އެ އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ބަލައި އެކަމުން ނަތީޖާއެއް ހޯދުން

  • އަދި އޭގެ ފައިދާ މުޅި ދިވެހި ގައުމަށް ކުރާނެ ކަމަށް ވިދާޅުވި 

އާތިފް ވިދާޅުވީ އެކަން ހުއްޓާލުމަށް އެލްޖީއޭއިން އެންގިއިރު، ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަން ކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅައި މާކްސް ދޭ ގޮތަށް އެލްޖީއޭއިން ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެހެންވެ، ސިޓީގައި ބުނެފައި އެ ވަނީ އަމިއްލަ އުސޫލުތަކާ ވެސް ހިލާފު ވާހަކައެއް ކަމަށް އާތިފް ވިދާޅުވި އެވެ.

"މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. މި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ޒިންމާ ގާނޫނުން ހަވާލުކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށް ބުނެ އެލްޖީއޭއިން އާތިފަށް ފޮނުވި ސިޓީގައި ބުނީ:

  • އެހެން އޮތުމުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ބޯޑެއް އެކުލަވާލައި މަސައްކަތްކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް

  • ކައުންސިލުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މަފްހޫމާ ފުށޫއަރާ ކަމެއް ކަަމަށް

"ވީމާ ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުލެވިގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ ކަންކަން ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް