ދަރިވަރަކު މަންމައާއެކު ސްކޫލުން ނުކުމެގެން ދަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެކަށީގެންވާ ސަބަބެއްނެތި ދަރިވަރުން ސްކޫލަށް ނުދާ ނަމަ ފިޔަވަޅު އަޅަން އަންގައިފި

މިނިސްޓަރު ޝަފީއު ވިދާޅުވީ، ސްކޫލަށް ދަރިވަރުން ހާޒިރުވާ ގޮތުގެ އެޓެންޑެސް ރިޕޯޓު ކޮންމެ ދުވަހަކު ސްކޫލުތަކުން މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައިވާނެ ކަމަށް

ދަރިވަރުން ސްކޫލަށް ނުދާ ސަބަބު ހޯދައި އެކަށީގެންވާ ސަބަބެއްނެތި ސްކޫލަށް ނުދާ ނަމަ ފިޔަވަޅު އަޅަން ސްކޫލުތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް' އާންމު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ޝަފީއު ވަނީ، މި ދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން، 8000އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވިފައިވާއިރު، އެފަދަ ދަރިވަރުންގެ %40އަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަކުރެވިފައިވާތީ އެކަމާ މެދު މިނިސްޓްރީން އަޅަމުންދަނީ ކޮން ފިޔަވަޅުތަކެއްތޯ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަފީއުއާ ސުވާލުކުރި އެވެ.

ޖަވާބުގައި ޝަފީއު ވިދާޅުވީ، ސްކޫލަށް ދަރިވަރުން ހާޒިރުވާ ގޮތުގެ އެޓެންޑެސް ރިޕޯޓު ކޮންމެ ދުވަހަކު ސްކޫލުތަކުން މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވަމުން ނުދާކަން ދެނެގަނެވުނީ އެ ރިޕޯޓުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަފީއު ވިދާޅުވީ:

  • މިއީ ސްކޫލުތަކުންނާއި ބެލެނިވެރިން އަދި މުޅި މުޖުތަމައު ވެސް ކަންބޮޑުވާންޖެހޭ ކަމެއް

  • ސްކޫލަށް ކުއްޖަކު ނުދިއުމަކީ އޭގެ އަސަރު ގައުމުގެ ތަރައްގީއަށް ކުރާނެ ކަމެއް

  • އެހެންކަމުން، އެންމެންގެ ވިސްނުން ބަހައްޓަންވީ ސްކޫލަށް ދަރިވަރުން ނުދާ ސަބަބު ހޯދައި އެކަންކަން ހައްލުކުރަން

  • ރިޕޯޓުކުރަންވީ ހަމައެކަނި ބަލިވެގެން ސްކޫލަށް ނުދާ ނުދިއުމެއް ނޫން؛ އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ނުދިއުމަކީ ވެގެންވާނެ ގޮތެއް ނޫން

"މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ. މިދިޔަ ހަފްތާ ނޫން އޭގެ ކުރީ ހަފްތާގައި މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ވެސް ބައްދަލުކޮށްފައި އަޅުގަނޑު ވާނީ އެކަށީގެންވާ ފިޔަވަޅު އެޅުމަށް، ސީދާ އަޅުގަނޑު އެ ބޭފުޅުންނާއި ބައްދަލުކޮށް ދަންނަވާފައި،" ޝަފީއު ވިދާޅުވި އެވެ.

"އެކަށީގެންވާ ފިޔަވަޅުތައް އަޅައި މިއީ އަޅުގަނޑުމެން އެޑްރެސްކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން. ސަރުކާރުން ދޭން ބޭނުންވާ ޔަގީންކަމަކީ ސްކޫލަށް ކުއްޖަކު ނުގޮސް ހުރުމަކަށް ދޫކޮށެއް ނުލާނަން."

ޝަފީއު އިތުރަށް ވިދާޅުވީ، ސްކޫލަށް ނުދާ ދަރިވަރުން ދެނެގަތުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަރުކަށި ގޮތެއްގައި ފެށިގެންދިޔައީ ވެސް ޕީޕީއެމް ސަރުކާރެއްގައި ކަމަށެވެ.

އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަން ދެނެގަތުމަށް އެކުލަވާލާފައިވާ އެޓެންޑެންސް އުސޫލުގެ ދަށުން، ވަކި މުއްދަތަކަށް ސްކޫލަށް ދަރިވަރުން ހާޒިރުނުވާ ނަމަ، އެކަން މިނިސްޓްރީއަށް ރިޕޯޓުކުރަންޖެހޭ ގޮތް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރު އޮންނަ ގޮތަކީ:

  • ޖެހިޖެހިގެން ތިން ދުވަހު ސްކޫލަށް ހާޒިރުނުވެއްޖެ ނަމަ މިނިސްޓްރީއަށް ރިޕޯޓުކުރުން

  • ޖެހިޖެހިގެން 10 ދުވަހު ސްކޫލަށް ހާޒިރުނުވެއްޖެ ނަމަ ސްކޫލަށް ނުދާ ކުދިންގެ ގޮތުގައި މިނިސްޓްރީއަށް ރިޕޯޓުކުރުން

އެކަމަކު، ޖެހިގެން އައި އެމްޑީޕީ ސަރުކާރުގައި އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް